ރޭޑިއޯ އާއި ޓީވީގެ ޓެރެސްޓްރިއަލް ފްރިކްއެންސީ ދޫކުރުމަށް ބްރޯޑް ކާސްޓިން ކޮމިޝަނުން ގެންގުޅޭ އުސޫލުތަކަކީ ގާނޫނު އަސާސީއާ ޚިލާފު އުސޫލުތަކެއް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ހައިކޯޓުން އެގޮތަށް ހުކުމް ކުރީ ޓެރެސްޓްރިއަލް ފްރިކްއެންސީ އަށް ބީލަން ހުށަހެޅުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާފައިވާ "ޓެރެސްޓްރިއަލް ފްރިކްއެންސީ އަށް ބީލަން ހުށަހެޅުމާ ބެހޭ މައުލޫމާތު ފޮތު"ގަ އާއި ރޭޑިއޯ، ޓީވީ ފްރިކްއެންސީ ދޫކުރުމުގެ ގަވާއިދުގައި، ފްރިކްއެންސީ ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކަކީ ގާނޫނު އަސާސީ އާއި ބްރޯޑްކާސްޓިން ގާނޫނާ ޚިލާފަށް ހިމަނާފައިވާ އުސޫލުތަކެއް ކަމަށް ކަނޑައަޅައިދިނުމަށް މ. ކުޑަވެޔޮމަތީގޭ އިބްރާހިމް ފަލާހު ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެވެ.

ފްރިކުއެންސީއާއި ބްރޯޑްކާސްޓިން ލައިސަންސަކީ އެއް އުސޫލެއްގެ ދަށުން ދޭންޖެހޭ އެއްޗެއް ކަމަށާއި ބްރޯޑްކާސްޓިން ގާނޫނުގެ 26 ވަނަ މާއްދާގައި ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދިނުމުގައި ކޮމިޝަނުން ރިއާޔަތްކުރަން ޖެހޭ ކަންތައްތަކުގެ އިތުރުން އެހެންކަންތައްތަކެއް ފުރިކްއެންސީ ދޫކުރުމުގައި ކަނޑަނޭޅޭނެ ކަމަށް ދައުވާގައި ބުނެފައިވީ ނަމަވެސް ހުކުމް އިއްވަވަމުން ހައިކޯޓުގެ ފަނޑިޔާރު ޝުއައިބް ހުސެއިން ޒަކަރިއްޔާ ވިދާޅުވީ ފްރިކްއެންސީ އާއި ބްރޯޑްކާސްޓިން ލައިސަންސަކީ މުޅިން ތަފާތު ދޭއްޗެއް ކަމަށެވެ.

އަދި ވިދާޅުވީ ފްރިކްއެންސީ އަކީ ބްރޯޑްކާސްޓް ކުރުމަށް ބޭނުންކުރާ އެއް ވަސީލަތެއް ކަށާއި އެ ނޫން އެހެން ވަސީލަތެއް މެދުވެރިކޮށް ވެސް ބްރޯޑްކާސްޓް ކުރެވޭ ކަމަށް ވާތީ ބްރޯޑްކާސްޓިން ގާނޫނުގެ 26 ވަނަ މާއްދާގައި ވަނީ ހަމައެކަނި ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދިނުމުގައި ބަލަން ޖެހޭ ކަންތައްތައް އެކަނި ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން ބީލަން ހުށަހެޅުމާ ބެހޭ މައުލޫމާތު ފޮތުގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ތަޖުރިބާ އަށާއި މިހާތަނަށް ކޮށްފައިވާ މަސައްކަތާއި އިންވެސްޓްމަންޓަށް މާކްސް ދިނުމަށް ނިންމާފައި ވުމަކީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ ހަމަ ހަމަކަމުގެ އުސޫލާ ޚިލާފު ކަމެއް ކަމަށް ދައުވާގައި ބުނެފައިވީ ނަމަވެސް ފަނޑިޔާރު ވިދާޅުވީ އެގޮތަށް މާކްސް ދީފައި ވުމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެންމެ އެކަށީގެންވާ ފަރާތެއް ކަނޑައެޅުމަށް ޓަކައި ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. އެހެންކަމުން އެއީ ތަފާތު ކުރުން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ހުކުމް ކުރުމާ އެކު ކޯޓުން ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަލާހުގެ ވަކީލު އަލީ ހުސެއިން ވިދާޅުވީ އެ މައްސަލަ ހައިކޯޓުން ނިންމާފައިވާ ގޮތާ މެދު ހިތްހަމަޖެހިވަޑައި ނުގަންނަވާތީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.