31 May 2012, 15:08
ބަނޑޮސް ރިސޯޓްގައި ބާއްވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގެ ފަހު ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ރައީސް މުހަންމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ތިން ދުވަހުގެ މުއްދަތައް ބަނޑޮހުގައި ބާއްވާ މަޝްވަރާތައް ފަށާނީ މިރޭގަ އެވެ. އެ މަޝްވަރާތައް ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.
ޕާޓީތަކުގެ ވާހަކަތަކުގައި ބައިވެރިވެ ވަޑައިގަންނަވާ އޮފިޝަލަކު މިއަދު ވިދާޅުވީ ހޮނިހިރު ދުވަހު ހެނދުނު 9:00 ޖަހާއިރު ބަނޑޮހުގައި ފަށާ މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާގޮތަށް ހަމަޖެހިފައި އޮތީ ރައީސް ނަޝީދު ކަމަށެވެ. އެމްޑީޕީގެ ފަރާތުން އެ މަޝްވަރާތަކުގައި އާންމުކޮށް ބައިވެރިވެ ވަޑައިގަންނަވަނީ މަޖިލީހުގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ނަޝީދުގެ ކެބިނެޓް މިނިސްޓަރު މަރިޔަމް ޒުލްފާ އެވެ.
ސިއްރުކޮށްގެން ބާއްވާ އެ މަޝްވަރާތަކުގައި ބައިވެރިވާ އޮފިޝަލުން ބަނޑޮހަށް ވަޑައިގަންނަވަން ފައްޓަވާނީ މިއަދު ހަވީރުން ފެށިގެނެވެ. މިރޭ ފުރަތަމަ ބައްދަލުވުން ބާއްވާއިރު ހުކުރު ދުވަހުގެ މެންދުރުފަހާއި ރޭގަނޑު އަދި ހޮނިހިރު ދުވަހު ވެސް އޮފިޝަލުން ބައްދަލުކުރައްވާ މަޝްވަރާކުރައްވާނެ އެވެ.
ހޮނިހިރު ދުވަހާ ޖެހެންދެން ޕާޓީތަކުގެ އޮފިޝަލުން ބަނޑޮހުގައި ތިއްބަވާ މަޝްވަރާތައް ކުރިއަށް ގެންދާއިރު ޕާޓީތަކުން މަޝްވަރާ ކުރަން ހަމަޖެހިފައިވަނީ އެޖެންޑާގައި ހިމެނޭ މައްސަލަތަކާމެދު ކަމަށް މައުލޫމާތު ލިބެ އެވެ.
ނުވަ ބައްދަލުވުމަކަށް ފަހު އެޖެންޑާގެ ތަރުތީބަކަށް ޕާޓީތަކަށް އާދެވުނު އިރު އެންމެ ފުރަތަމަ މަޝްވަރާ ކުރާނީ ރާއްޖޭގައި ހިންގާ ހަމަނުޖެހުންތައް ހައްލު ކުރުމާމެދު އެވެ. އެންމެ ފަހުން މަޝްވަރާކުރަން އެއްބަސްވީ ރިޔާސީ އިންތިހާބެއް ބާއްވާނެ ތާރީހަކާ މެދުގަ އެވެ.
އެންމެ އިސްކަމެއް ދީގެން ދެން މޝްވަރާ ކުރަން އެއްބަސްވި ނުކުތާތަކަކީ ބަޖެޓްގެ ހާލަތާއި މިނިވަން މުއައްސަސާތަކުގެ މަގާމުތައް ބަދަލުކުރުމާއި އިސްލާހު ކުރަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކުރުމަށާއި އަލަށް އެކުލަވާލަންޖެހޭ ގާނޫނުތަކާ ގަވާއިދުތަކަށެވެ.