31 May 2012, 15:03
ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރައްވާނެ ފަސް ބޭފުޅުން ހޯދަން އިއުލާން ކުރުމުން ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ދިރާސާކޮށް 12 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލެއްވުމަށް އިއުލާން ކުރުމުން 118 ބޭފުޅަކު ކުރިމަތިލެއްވެވި އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ފޮނުއްވެވި ނަންތަކަކީ މއ. ކަށިމާ، އަހުމަދު ޝާކިރު އާއި ހ. އާޒާދެވާދީ، ވިޒާދު އަލީ އާއި މ. ބިލާލުގެ އަބްދުﷲ ޝިނާހު އާއި ގ. ވިޔަވަތި އަހުމަދު އަލިމަނިކާއި މއ. ފެހިއަލި އަބްދުއް ރަހީމް އަބްދުއް ރަހުމާނާއި ހ. ބަރަބޯމާގޭ އައިޝަތު ޝިއުނާ އާއި ގއ. ކަނޑުހުޅުދޫ ބްލޫ ރޯސް، ޖިހާދާ އަނީސް އާއި ދަފުތަރު ނަމްބަރު 2245، ފަރީޝާ އާދަމާއި ހ. ތެވެލި މުހައްމަދު ޝަރީފާއި ދަފުތަރު ނަމްބަރު 2613، އަބްދުﷲ ނިޝާމް އާއި ގ. އަތަ، ޔޫސުފު މާނިއު އާއި ގ. އަލީ އާބާދޫ ފާތުމަތު ޝަމްވީލާ އެވެ.
ރައީސް ވަހީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، މި ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވައި، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަށް ޢައްޔަން ކުރައްވާނެ ފަސް ބޭފުޅުންގެ ނަންފުޅު، މަޖިލީހަށް ފެންނަ ގޮތެއްގެ މަތިން ނިންމައި ދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.