31 May 2012, 14:58
މިދިޔަ އަންގާރަ ދުވަހު އުސް ފަސްގަނޑު ރޫލާލަން މަސައްކަތް ކުރިއިރު އެއްވި މީހުނާ ފުލުހުން މުއާމަލާތު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ބުނެފައިވާ ކަމާށް ބުނެ އެމްޑީޕީން އެ ކޮމިޝނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީ (އިންތި) މިއަދު ވިދާޅުވީ އުސް ފަސްގަނޑު ރޫލާލުމަށް ފުލުހުން އެދުވަހު ފުލުހުން އަމަލު ކޮށްފައިވަނީ ވަރަށް ހަރުކަށިކޮށް ކަމަށާއި އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރަން ނުކުތް އެތައް ބަޔަކު ހިފާ ހައްޔަރުކޮށް އަނިޔާ ކުރިނަމަވެސް އެ މަންޒަރު ހިއުމަން ރައިޓްސް ކޮމިޝަނަށް ނުފެނުނުމުން ކަންބޮޑުވާ ކަމަށެވެ.
"ސުލްހަ ވެރިކަމާއެކު އިހުތިޖާޖު ކުރި ބަޔަކަށް އެތައް ބައިވަރު އަނިޔާކޮށް އެއްވެސް ކަމަކާ ނުލައި ހައްޔަރުކޮށް ވަރަށް ގިނަ އަނިޔާ ތަކެއް ކޮށްފައިވޭ. 56 މީހުންނަށް ވުރެ ގިނަ މީހުން ހައްޔަރުކުރިކަން އެގުނު. އެކަން އެގޮތަށް ވެފައިވާއިރު ހިއުމަން ރައިޓްސް ކޮމިޝަނުން މި ހާމަކުރައްވަނީ އެދުވަހު ފުލުހުން އަމަލު ކުރައްވާފައިވަނީ ރަނގަޅަށޭ. ފުލުހުންގެ ފަރާތުން ހަޑި ހުތުރު ވާހަކައެއް ވެސް މުއާމަލާތެއް ކޮށްފައެއް ނުވެއޭ. [އެދުވަހު ފުލުހުން އަމަލުކޮށްފައިވާ ގޮތް] ރަނގަޅުކަމަށް ސިފަކޮށްފައިވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް. އެގޮތަށް ވިދާޅުވާތީ އެކަން ވަރަށް ބޮޑަށް ކުއްވެރިކުރަން،" އިންތި ވިދާޅުވި އެވެ.
ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އުސް ފަސްގަނޑަށް ފުލުހުންނާއި ސިފައިން އަރާ މުޅިތަން ހިސާރުކޯށް ސުންނާފަތި ކޮށްލުމަކީ އެމްޑީޕީން ހިންގާ ސުލްހަވެރި އެއްވުމާއި ސިޔާސީ ހަރަކާތްތައް ހިންގަން ފުލުހުންނާއި ސިފައިން ކުރިމަތިކުރާ ގޮންޖެހުންތަކެއް ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
ފުލުހުން އުސް ފަސްގަނޑުގައި ހިންގި ހަރަކާތްތަށް އެޗްއާރްސީއެމުން މޮނިޓާ ކުރުމަށް ފަހު ވެބްސައިޓްގައި ޝާއިއު ކޮށްފައިވާ ލިޔުމުގައި އެދުވަހުގެ ހެދުނާއި މެންދުރާއި ހަވީރު އަދި ރޭގަނޑު މަޖީދީމަގާއި ޗާންދަނީމަގުގެ ހަތަރުއަނގޮޅީގައި ހިނގައިދިޔަ މުހިންމު ކަންކަން ފާހަގަކޮށްފައި ވެއެވެ.
އެ ބަޔާނުގައި ވެއެވެ: "... ބެރިކޭޑް ކައިރީ އެއްވެ ތިބި މީހުން ފުލުހުންނާ ދިމާލަށް ހަޅޭއްލަވައި ހަޑި ހުތުރު ބަހުން ދިމާކޮށް އިންޒާރުދީފައިވޭ. ޢާންމުންގެ ތެރެއިން ހަތަރު އަންހެނަކު ހަޑިހުތުރު ބަހުން އެއްޗެހި ގޮވާ ހަދާތީ ފުލުހުން އެމީހުންގެ ފަހަތުން ގޮސް ދުރަށް ޖެއްސި. މަގު ބަންދު ކުރުމަށްޓަކައި ބަހައްޓާފައިވާ ބެރިކޭޑްތައް ނަގާ ޢާއްމުންގެ ތެރެއިން ބަޔަކު އެ އެއްޗެހިތައް ތިން ފަހަރު މަތީން މޫދަށް އުކާލައިފައިވޭ،"
މީގެ އިތުރަށް އެދުވަހު ފުލުހުން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔަ މީހުންނަށް އަނިޔާ ކުރިކަމަށާއި އެމީހުންގެ ޔޫރީން ޓެސްޓް ކުރަން މަސައްކަތްކުރިކަމަށް ވެސް އެމްޑީޕީން މިއަދު ބުންޏެވެ. އެދުވަހު ފުލުހުން ހައްޔަރު ކުރިމީހެއް ކަމަށް ބުނެ އަނިޔާތަކެއް ކޮށްފައިވާ މީހެއްގެ ފޮޓޯއެއް ވެސް އިންތި ވަނީ ނޫސްވެރިންނަށް ދައްކާލާފަ އެވެ.
ނަމަވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެދުވަހު ހައްޔަރު ކުރި އެއްވެސް މީހަކަށް އަނިޔާއެއް ކޮށްފައި ނުވާނެ ކަމަށައި ފުލުހުންގެ ހައްޔަރުގައި ތިބޭއިރު އެއްވެސް ފަރާތަކަށް އަނިޔާ ނުކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ބެލުމުގައި ދަށުގައިވާ އެއްވެސް ފަރާތަކަށް ފުލުހުން އަނިޔާއެއް ނުކުރާނެ. އަނިޔާ ކޮށްފިނަމަ އެކަމެއް އަޅުގަނޑުމެން ވެސް ބަލާފައި ފިޔަވަޅު އަޅާނެ. އަދި އަނިޔާ ކޮށްފިނަމަ އެފަރާތަކަށް އޮންނާނެ މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށައެޅުމުގެ އިހުތިޔާރު ވެސް،" މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ކުށްވެރިވެގެން ގެންދާ ފަރާތްތަކުގެ ޔޫރިން ޓެސްޓް ހެދުމަށް ފުލުހުން އެދޭނެ ކަމަށާއި ނަމަވެސް އެއްވެސް މީހެއްގެ ޔޫރިން ޓެސްޓް ގަދަކަމުން ހަދާފައި ނުވާނެ ކަމަށެވެ.