ރައްޔިތުންގެ މަޖިލީހުގެ މެންބަރުން 'ގަނެ ވިއްކުމުގެ' އާދަ މިހާރު އޮތް ސަރުކާރުގައި އަށަގެންފައިވާ ކަމަށް ތުހުމަތު ކުރައްވާ މޭރުމަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވާހަކަދައްކަވައިފިއެވެ.

ޔާމީން އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފްގެ ތާއިދާއެކު ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހުން ތައާރަފުކުރުމަށް ބޭއްވި ޖަލްސާއެއްގައި އެ މަނިކުފާނު ވިދާޅުވީ، އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ވެރިކަން ކުރާ ޕީއެންސީއަށް ގެންދިޔަ މަންޒަރު ދާދި ފަހުން ފެނިފައިވާ ކަމަށެވެ. އެއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ކުރުން ތާހިރު ނޫން ކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

"އެއީ އޯވަނައިޓް އެ މީހުންނަށް އިލްހާމެއް އައިސްގެން މިއޮތްހާ ޒަމާނަށް އަޅުގަނޑުމެން ކުރި ކަންތައްތަކަށް ފާޑުކިޔައި އެއްޗެހި ކިޔައިފައި ދެން މިހެން ބަދަލުވާނެ ކަމަށް ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލުކުރާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު އެ ވާހަކަ ދެއްކެވިއިރު، މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓެއްގެ ގޮތުގައި ތައާރަފުވާން ހުރީ ތުޅާދޫ ދާއިރާއަށް ކުރިމަތިލާން ނިންމާފައިވާ ތ. ގޮއިދޫ، މޫންލައިޓް ވިއު، އާދަމް ޝާފިއުއެވެ. އެހެންވެ، އެ މައްސަލައާ ގުޅޭ ގޮތުން އޭނާ ދެކޭ ގޮތަކީ ކޮބައިތޯ ޔާމީން ސުވާލުކުރެއްވިއެވެ.

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް

"ދެން މިއާ ގުޅިގެން ދަންނަވާލަން އޮތް ސުވާލަކީ، މި ޕްރެކްޓިސް މިހާރު މި އޮތީ މިހާރު އޮތް ސަރުކާރުގައި އަށަގެންފައޭ... ޝާފިއުގެ ވިސްނުމުގައި އެ މީހަކު ތަމްސީލު އެ ކުރަނީ ރެޕްރެޒެންޓް އެ ކުރަނީ އެ މީހެއްގެ ދާއިރާ، ދެން ހޮވުމަށް ފަހު ގަބޫލުކުރައްވަންތޯ ހޮވުމަށް ފަހު އެ މީހާކީ އަމިއްލަ ޚިޔާލާއި އަމިއްލަ ފިކުރުގައި އުޅެން ޖެހޭ މީހެއް ކަމަށް ނޫނީއްޔާ އޭނަ ހޮވި ރައްޔިތުންގެ ޝުއޫރުތަކާއި ރައްޔިތުންގެ އިހުސާސްތައް މަޖިލީހުގައި ތަމްސީލްކޮށްދޭން ޖެހޭނެ ކަމަށް، ކިހިނެއްތޯ މި ބަދަލުވެގެން ދިޔުމާއި މި ގަނެވިއްކުމުގެ ވިޔަފާރި ތެރެއަށް ވެންނެވުމާ މިހަކަލަ ކަންކަމަށް ޝާފިއު ދެކިލައްވާ ގޮތެއް އަޅުގަނޑުމެންނަށް ހާމަކޮށްދެއްވާނަންތޯ؟" ޔާމީން އެއްސެވިއެވެ.

އެ ސުވާލަށް ޖަވާބު ދެމުން، ޕާޓީ ބަދަލުުނުކުރާނެ ކަމުގެ ޔަގީންކަން ޝާފިއު ދިނުމުން، ޔާމީންގެ "އިމްތިހާނުން އޭނާ ފާސްވެފައިވާ" ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ 13 މެންބަރަކު ޕީއެންސީއަށް ސޮއިކޮށް، އެ ޕާޓީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުއިއްޒާ ފޯމް ހަވާލުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 28ގައެވެ.

އެ މެންބަރުން ސޮއިކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ޕީއެންސީއާ ގުޅުނު ހުރިހާ މެންބަރުން ވެސް އެ ޕާޓީއާ ގުޅުނު އެއް ސަބަބަކީ، ރައްޔިތުން ހޮވައިފައިވާ ސަރުކާރަކަށް ހުރަސް އަޅަން، އެމްޑީޕީން ކުރާ މަސައްކަތާ ދެކޮޅުވުން ކަމަށެވެ.

ޔާމީން ޖަލުން ގެކޮޅަށް ބަދަލުކުރި ދުވަސް: ރައީސް ވެރިކަމަށް އިންތިޚާބުވުމާއެކު ޔާމީން ގެކޮޅަށް ބަދަލުކުރުމަށް މަގުފަހިކޮށްދެއްވި -- ސަން ފޮޓޯ/ މުހައްމަދު މާހިލް

އެއީ ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ހިންގާ ޕާޓީއަކުން ކުރާނެ ކަމެއް ނޫންކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ޔަގީންކުރައްވާކަމަށް އެ މަނިކުފާނު އޭރު ވިދާޅުވިއެވެ.

ޕީއެންސީން އެ މެންބަރުންނަށް ރިޝްވަތު ދިނީ ކަމަށް އެމްޑީޕީން ވެސް ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން އެ މެންބަރުން ގަންނަން ޕީއެންސީން 60 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް ތުހުމަތުކުރާ މޭރުމަކުން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މީގެ ކުރިން ވާހަކަދައްކަވާފައިވެއެވެ.

ނަމަވެސް ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވުމުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ޔާމީންވަނީ، ރައީސް ވެރިކަމަށް އިންތިޚާބުވުމާ އެކު ގެކޮޅަށް ބަދަލުކޮށްފައެވެ. ނަމަވެސް ރައީސް ވެރިކަމުގެ ހުވާ ކުރެއްވިތާ ހަފުތާއެއް ވެސް ނުވަނީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވިއެވެ.

ޔާމީން މިނިވަންކުރައްވާނެ ކަމަށް ރައީސް ކެމްޕެއިން ތެރޭގައި ތަކުރާރުކޮށް ވިދާޅުވެފައިވީ ނަމަވެސް، އެ މަނިކުފާނު މިނިވަން ނުކުރެވޭތީ ޔާމީނަށް ތާއިދުކުރާ ފަރާތްތަކުން އަންނަނީ ރައީސަށާއި ސަރުކާރަށް ފާޑު ކިޔަމުންނެވެ.