ފުވައްމުލަކު ޒުވާނުންގެ މަރުކަޒު ފަޅާލައި ބައެއް ސާމާނު ވަގަށް ނަގައިފި އެވެ.

ފުލުހުން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މީގެ ދެދުވަސް ކުރިން ކުރި ވައްކަމުގެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ އޮފީހުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ ވައްކަންކޮށްފައި ވަނީ އެތާގެ އޮފީސް އިމާރާތާއި ވައިރިންކޯސް ހިނގަމުން އަންނަ ކްލާސް ރޫމް ބައިންނެވެ. އެ އިމާރާތުގައި ބޭނުންކުރާ ކޮމްޕިއުޓަރު ސިސްޓަމެއްގެ ސީޕީޔޫގެ އިތުރުން ވައިރިން ކޯސް ހިންގުމަށް ބޭނުން ކުރާ ބައެއް އާލާތްތަކާއި އެތާ ހުރި ވައިރުތަކެއް ވަނީ ވަގަށް ގެންގޮސްފަ އެވެ.