11 Feb 2024, 19:47
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ށ. ފުނަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެކަން އިލްހާމް އަހްމަދު މިއަދު ހާމަކުރައްވައިފިއެވެ.
އޭނާ އަކީ މީގެކުރިން ގެމަނަފުށި ދާއިރާ އަދި ދަނގެތި ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ން ސިޔާސީ ހަޔާތް ފެއްޓެވި އިލްހާމް ވަނީ، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން އަދާކުރައްވާފައެވެ. އެއަށްފަހު ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުކަމާއި ޕީޕީއެމް ޕީއެންސީގެ ޕީޖީ ޑެޕިއުޓީ ލީޑަރުކަން ވެސް އޭނާ ކުރައްވާފައި ވެއެވެ.
މީގެ އިތުރުން އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުކަން ވެސް ކުރައްވާފައެވެ.
އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށެވެ.
އޭނާ އަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.
މިހިނގާ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ފުނަދޫ ދާއިރާ ތަމްސީލު ކުރައްވަނީ އެމްޑީޕީ މެމްބަރު މުޙައްމަދު ޝާހިދެވެ.