އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިގްތިސޯދީ ޕްރޮގްރާމުގައި ރާއްޖެ އަލުން ބައިވެރިވާން އައިއެމްއެފާއެކު މަޝްވަރާ ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. ރާއްޖެ އޮތީ އެ ޕްރޮގްރާމުން ސަސްޕެންޑްކޮށްފަ އެވެ.

ރާއްޖެ އައިއެމްފްގެ ޕްރޮގްރާމްގެ ތެރެއަށް ދިޔައީ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު އެވެ. ނަމަވެސް އައިއެމްއެފްގެ ޝަރުތުތައް ފުރިހަމަ ނުކުރެވުމުން އެ އަހަރު ފަހުކޮޅު ރާއްޖެ ވަނީ އެ ޕްރޮގްރާމުން އެއްފަރާތްކޮށްފަ އެވެ. އޭރު އައިއެމްއެފްގެ އެ ޕްރޮގްރާމްގެ ދަށުން ރާއްޖެއަށް އޮތީ 7.8 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ދީފަ އެވެ.

މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދުގެ ރިވިއުއެއް ހަދަން އައިއެމްއެފްގެ މިޝަންއެއް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށާއި އަލުން ރާއްޖެ އެ ޕްރޮގްރާމްގައި ހިމަނަން މިޝަންއާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އެބޭފުޅުން އޮތީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް އިތުރު ރިވިއުއެއް ހައްދަވަން. ރާއްޖެ އަދިވެސް ހަމަ އޮތީ ކުރިންވެސް އޮތް ގޮތަށް އެ ޕްރޮގްރާމުން ސަސްޕެންޑް ކުރެވިފައި، އެހެންވެ އެ މިޝަންއާ އަޅުގަނޑުމެން މަޝްވަރާ ކުރާނަން އެ ޕްރޮގްރާމާ މެދުގައި،" އޮފިޝަލް ވިދާޅުވި އެވެ.

އައިއެމްއެފްގެ ވަފުދެއް އެންމެ ފަހުން ރާއްޖެ ޒިޔާރަތް ކުރީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެ ޓީމުން ރައްޔިތުން މަޖިލީހުގެ މެންބަރުންނާ ބައްދަލުކޮށް އޭރު ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސޯދީ މައްސަލަތައް ހައްލުކުރަން ފަންނީ ލަފަ އާއި އެހީތެރިކަން ދޭނެ ކަމަށާއި މާލީ އެހީތެރިކަމެއް ދެވޭނީ އައިއެމްފުން މިންގަޑުތަކަށް ފެތޭނަމަ ކަމަށެވެ.

އައިއެމްއެފްގެ އެ ޕްރޮގްރާމަށް އެނބުރި ދިޔުމަށް ރައީސް ނަޝީދުގެ ސަރުކާރުން ވެސް މަޝްވަރާތައްކުރި އެވެ. ނަމަވެސް އޭރުވަނީ އެކަމުގައި ކުރިއެރުމެއް ނުލިބިފަ އެވެ. ސަރުކާރުން މިހާރު ނިންމާފައިވަނީ ދައުލަތުގެ ހަރަދު ކުޑަކުރަން ބޮޑެތި ފިޔަވަޅުތައް އަޅާށެވެ.