11 Feb 2024, 15:26
ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު، މަޖިލިހުން ވަކިވެފައި ތިބި މެންބަރުން ނުގުނާގޮތަށް ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސައިލަން ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރަށް ތަބާނުވާން މަޖިލީހުން މިއަދު ނިންމައިފިއެވެ.
މި މަހުގެ އަށްވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުން ގުނާއިރު އިސްތިއުފާ ދީފައިވާ މެންބަރުން ނުގުނާގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސައިލުމަށް ވަގުތީ އަމުރެއް ނެރުއްވައިފައެވެ.
އެ އަމުރާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ކޯޓުން މަޖިލީހުގެ މައްޗަށް މި އަމުރު ނެރުއްވާފައިވީ ނަމަވެސް އެ މައްސަލައިގައި ހިމެނޭ ގަވާއިދަކީ ގާނޫނު އަސާސީއާ ހިލާފު ގަވާއިދެއްތޯ ކަނޑައަޅާފައިނުވާ ކަމަށެވެ.
އެހެންވެ، އެ މައްސަލައިގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، މި މައްސަލައިގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް މެންބަރުންނަށް ވަނީ އެއް ގަޑިއިރުގެ ފުރުސަތެއް ހުޅުވާލައިފައެވެ. އެއަށް ފަހު ވަގުތީ އަމުރަށް އަމަލުކުރުމާ މެދު ވަނީ ވޯޓަށް އަހައިފައެވެ.

ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުން. އަރިހުގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ: މަޖިލިސް
އެ ވޯޓުގައި ބައިވެރިވެވަޑައިގެން 45 މެންބަރުންގެ އިއްތިފާގުން ވަނީ ސުޕްރީމް ކޯޓުގެ ވަގުތީ އަމުރަށް ތަބާނުވާން ނިންމައިފައެވެ.
އެހެންވެ، ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރުކުރި ނަމަވެސް މަޖިލީހުން މެންބަރުންގެ ޖުމުލަ އަދަދު ގުނަމުންދާނީ ގަވާއިދަށް ގެނެވުނު އިސްލާހާ އެއްގޮތަށް ވަކިވެފައިވާ މެންބަރުން ނުގުނައިކަން އަސްލަމް ވަނީ އިއުލާނުކުރައްވައިފައެވެ.
"މި ވަގުތުން ފެށިގެން އަނެއްކާ ވެސް އަޅުގަނޑު، ވޯޓު ގުނުމަގަޔާއި ކޯރަމް ހަމަކުރުމުގައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 80 ކަމުގައި ބަލައިގެން ކުރިއަށްދާނީ. އެ ނޫން ގޮތަކަށް މަޖިލީހުން ކަނޑަނާޅައިހާ ހިނދަކު،" ރިޔާސަތުގައި އިންނެވި އަސްލަމް އިއުލާނުކުރެއްވިއެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާއިރު، މެންބަރުކަމުގައި ދެމިނެތް މެންބަރުންގެ އަދަދު ނުގުނާގޮތަށް ގަވާއިދަށް އިސްލާހު ގެންނަން ފާސްކުރީ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީންނެވެ. އެކަމަކު، އެ އިސްލާހާ އެކު ހަމައެކަނި އިދިކޮޅު މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރެވޭނެއެވެ.
އެހެންވެ، އިދިކޮޅު މެންބަރުން ރައީސް ވަކިކުރަން ސޮއިހަމަކުރުމާ އެކު، ގަވާއިދަށް ގެނައި އިސްލާޙަށް އަމަލުކުރުން ހުއްޓައިލަން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ބަންޑާރަނައިބުގެ އޮފީހުންނެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރެއްގައި ވަނީ އެ ގަވާއިދަށް އަމަލުކުރުން މަޑުޖައްސައިލަން ވަގުތީ އަމުރެއް ނެރުއްވައިފައެވެ. އެކަމަކު، އަސްލަމް ވިދާޅުވީ، އެ އަމުރަށް އަމަލުކުރުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ މެންބަރުން ކަމަށެވެ.
ސުޕްރީމް ކޯޓުން އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުނު ނަމަވެސް މައްސަލައާ މެދު ވަކި ގޮތެއް މިހާތަނަށް ކަނޑައަޅައިފައެއް ނުވެއެވެ.