ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަ މަހުގެ ފަހަށް ލަސްކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހު، އެގޮތަށް ފާސްކުރަން އެ މައްސަލަ ދިރާސާކުރަން އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން މިދިޔަ ބުދަ ދުވަހު ވަނީ މަޖިލީސް އިންތިޚާބު ރޯދަ މަސް ނިމި، 10 ދުވަސް ފަހުން ބާއްވާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފައެވެ.

އެ ކޮމިޓީގެ ރިޕޯޓު މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފައެވެ. ރިޕޯޓަށް އިތުރު އިސްލާހެއް ހުށަހަޅާފައިނުވާތީ މިއަދުގެ ވޯޓުގެ ވަގުތުގައި ވަނީ އެ އިސްލާހަށް ވޯޓަށް އަހައިފައެވެ.

ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ، އިންތިޚާބުތައް ރޯދަ މަސް ނިމި، 10 ދުވަސް ފަހުން ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށެވެ.

ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މީގެ ކުރިން 'ސަން'އަށް ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަ މަސް ނިންމައި، 10 ދުވަހު މަޑުނުކޮށް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކުރިން ކޮމިޓީގައި އެދުނު ނަމަވެސް އެ ކޮމިޓީއަށް ލިޔުމުން ހުށަހެޅި ޖަވާބުގައި އެފަދައިން އެދިފައިނުވާ ކަމަށެވެ.

އަދި، އިންތިޚާބުގެ ތާރީޚާ ގުޅޭ ގޮތުން ބިލަށް ބަދަލެއް ގެންނަން އީސީން ހުށަހަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމްތިޔާޒު ވިދާޅުވީ، އީސީން ބޭނުންވި ގޮތަށް ބައެއް ބަދަލުތައް ބިލަށް ގެންނަން ކޮމިޓީން ނިންމި ކަމަށެވެ. އެކަމަކު، މައިގަނޑު ގޮތެއްގައި ބިލު ފާސްކޮށްފައިވަނީ ފުރަތަމަ މަރުހަލާގައި އެމްޑީޕީން ހުށަހެޅި ގޮތަށް ކަމަށެވެ.

އެހެންވެ، ބުދަ ދުވަހު ކޮމިޓީގެ އިއްތިފާގުން ވަނީ ރޯދަ މަހަށް ފަހު، 10 ދުވަސް ފަހުން އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ފާސްކޮށްފައެވެ.

މި މައްސަލަ ދިމާވީ، މި އަހަރު ބާއްްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މި އަހަރުގެ ރޯދަ މަހާ ދިމާވާތީއެވެ. އިންތިޚާބު ބާއްވަން އީސީން އިއުލާނުކޮށްފައިވަނީ މާޗު މަހުގެ 17 އެވެ. އެއީ، ރޯދަ މަހުގެ ފުރަތަމަ ހަފުތާއެވެ.

އެހެންވެ، އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން އިންތިޚާބުތައް ބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މެންބަރުން އެ ބިލަށް ތާއީދެއް ނުކުރެއެވެ.