ނ. މާފަރު ގެއެއްގެ ތެރޭގައި މަރުވެ، ކުނިވެފައި އޮއްވައި ފެނުނު އުމުރުން ދުވަސްވީ މީހާ ވަޅުލައިފި އެވެ.

ދެފައި ބަނދެފައި އޮއްވައި ފެނުނު އެ ރަށު ހިތްފަސޭހަގޭ، ހަސަން އަބޫބަކުރު، 65، ވަޅުލާފައި ވަނީ ރޭ މެންދަމު 3:00 އެހާކަންހާއިރު އެވެ.

ފުލުހުން ބުނެފައި ވަނީ އަބޫބަކުރު މަރުވެފައި އޮންނަތާ ދެ ތިން ދުވަސް ވެދާނެ ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އަބޫބަކުރު ވަޅުލީ ކުނިވެފައި އޮތް ހަށިގަނޑެއް ގިނަ ވަގުތު މީހުން ދިރިއުޅޭ ރަށެއްގައި ނުބޭއްވުމުގެ ގޮތުން ކަމަށެވެ. އަދި ހަށިގަނޑު ވަޅުލީ ތަހުގީގަށް ނަގަން ޖެހޭ ހުރިހާ ބޮޑީ ސާމްޕަލްތަކެއް ނެގުމަށް ފަހު ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

އަބޫބަކުރުގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އަދި މިހާތަނަށް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މާފަރު ކައުންސިލުން ބުނެފައި ވަނީ އަބޫބަކުރުގެ އަމިއްލަ ގޭގައި އޭނާ މަރުވެފައި އޮއްވައި ފެނުނު އިރު އޭނާގެ ދެފައި ބެޑްޝީޓަކުން ބަނދެ މޫނުމަތީގައި ބާލީހެއް އަޅާފައިވާ ކަމަށާއި ނަމަވެސް ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް ބުނީ އަބޫބަކުރުގެ އަނގައިންނާއި ނޭފަތުން ލޭ އައިސްފައި ހުރި ކަމަށެވެ.

އަބޫބޫކަރުގެ ހަށިގަނޑު ފެނުނީ އަވަށްޓެރިން އޭނާގެ ހަބަރެއް ނުވާތީ އެގެއަށް ވެދެ ބެލުމުންނެވެ. އޭރު އޭނާގެ އަންހެނުންނާއި ދަރިން ރަށަކު ނެތެވެ.

މާފަރުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އަބޫބަކުރު އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށާއި ރަށު ތެރޭގައި ވާހަކަ ދެކެވެނީ ބަޔަކު އަބޫބަކުރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން މަރާލީ ކަމަށެވެ. އަދި ބައެއް މީހުން ބުނީ އުމުރުން ދުވަސްވީ މީހުންނަށްދޭ ފައިސާ ދާދިފަހުން އޭނާ އަށް އެއްފަހަރާ ލިބިފައިވާ ކަމަށާއި އެ ފައިސާގެ ދަހިވެތިކަމުގައި ބަޔަކު އޭނާ މަރާލީ ކަމަށް ރަށުތެރޭގައި މީހުން ކިޔާ ކަމަށެވެ.

އަބޫބަކުރުގެ މަރަށް ފަހު މާފަރުގައި ނުތަނަވަސް ކަމެއް އުފެދި މީހުންނަށް ބިރުގެންފައިވާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

ރޭ އަބޫބަކުރު މަރުވެފައި އޮއްވައި ފެނިފައިވާ އިރު އިއްޔެ ހެނދުނު ވަނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު ޒަޚަމްތަކަކާ އެކު މަރާލާފައި އޮއްވައި މާލެ އިން ފެނިފަ އެވެ.

މިއަހަރުގެ ކުރީކޮޅު ވަނީ ދ. ކުޑަހުވަދޫގައި ވެސް ރަހުމު ކުޑަގޮތަކަށް ދުވަސްވީ މީހަކު މަރާލައިފަ އެވެ. އަދި މިދިޔަ އަހަރުތެރޭގައި ވަނީ އުމުރުން ދުވަސްވީ މީހެއް ހއ. ހޯރަފުށީގައި ވެސް މަރާލާފަ އެވެ.