11 Feb 2024, 07:37
ހަންގޭރީގެ ރައީސް ކަޓަލިން ނޮވަކް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެކަމަނާ މަގާމުން އިސްތިއުފާ ދެއްވައިފައިވަނީ ޖިންސީ ގޯނާގެ މައްސަލައެއް ފޮރުވައި، ކުށްވެރިވި މީހަކަށް މައާފު ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އާންމުންގެ ޕްރެޝަރާ ކުރިމަތިވެގެން ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
އިސްތިއުފާ ދެއްވިކަން ނޮވަކް އިއުލާނުކުރެއްވީ ހަންގޭރީގެ ގައުމީ ޓީވީ މެދުވެރިކޮށެވެ.
"އަޅުގަނޑަށް ހެދުނީ ގޯހެއް. މިއަދަކީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ތިޔަބޭފުޅުންނާ އަޅުގަނޑު މުހާތަބުކުރައްވާ އެންމެ ފަހު ދުވަސް،" ދައުލަތުގެ ޓީވީން ދެއްވި ތަގުރީރުގައި އެ ކަމަނާ ވިދާޅުވިއެވެ.
ޖިންސީ ގޯނާގެ މައްސަލަ ފޮރުވަން ނޮވާކް އެހީތެރިވެދިން ކަމަށް ބުނެ މިދިޔަ ހުކުރު ދުވަހު 1،000 އަށްވުރެ މީހުން ވަނީ މަގުތަކަށް ނުކުމެ އޭނާގެ އިސްތިއުފާއަށް ގޮވައިލައިފައެވެ.
ރިޕޯޓްތައް ބުނާގޮތުން ނޮވާކް އެހީވެދީފައި ވަނީ ސަރުކާރުގައި ހިމެނޭ އިސް މީހެއްގެ ދަރިފުޅު ކޮށްފައިވާ ކުށެއް ފޮރުވުމަށެވެ.
ހަންގޭރީގެ ރައީސްގެ މަގާމާ އުމުރުން 46 އަހަރުގެ ނޮވާކް ހަވާލުވެވަޑައިގެންނެވީ 2022 ވަނަ އަހަރުގެ މެއި 10 ވަނަ ދުވަހުއެވެ. ރައީސްކަމާ ހަލާވުވަޑައިގެންނެވުމުގެ ކުރިން ނޮވަކް ހުންނެވީ ކޮންޒަވޭޓިވް ބޮޑުވަޒީރު ވިކްޓާ އޯރްބާންގެ އާއިލާއާ ބެހޭ ވަޒީރުގެ މަގާމުގައެވެ.