31 May 2012, 14:11
ޔޫރޯގައި ވާދަ ކުރާ ކުޅުންތެރިންގެ ތެރެއިން މިފަހަރު ޒުވާން ކުޅުންތެރިންތަކެއް ފެނިގެންދާނެ އެވެ. މީގެ ތެރެއިން ބައެއް ކުޅުންތެރިން ތަރިންނަށް ވުމުގެ ފުރުސަތު އޮތީ ކޯޗުންގެ އަތްމަތީގަ އެވެ. އަނެއްބައި ކުޅުންތެރިން ދަނޑުމަތީގައި ދައްކާ ކުޑަކުޑަ ޖާދުލަކުން ވެސް އެމީހުންގެ ތަރިއަރާނެ ކަމީ ޔަގީންކަމެކެވެ.
ކުރީގެ ޗެމްޕިއަން ގްރީސް އަށް ބަލާއިރު އުމުރުން 19 އަހަރުގެ މިޑްފީލްޑަރު ކޮސްޓަސް ފޯޓޫނިސް އަކީ ފާހަގަ ކުރެވޭ ކުޅުންތެރިއެކެވެ. ޖަރުމަނުގެ ކެއިސަސްލާޓަން އަށް ކުޅޭ ކުޅުންތެރިޔާ ޓީމަށް ނެގީ ފަރިތަކުރުންތަކުގައި ބުރަކޮށް މަސައްކަތްކުރާތީ އެވެ.
ރަޝިޔާ ޓީމުގެ ޑިފެންޑަރު ކްރިލް ނަބަބްކިން އަކީ މީގެ ކުރިން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެއްނޫނެވެ. ސީއެސްކޭ އަށް ކުޅޭ 25 އަހަރުގެ މި ކުޅުންތެރިޔާ ވަނީ މި އަހަރުގެ ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭނާގެ ކިބައިން މިހާރު މަދުވަނީ ބައިނަލް އަގްވާމީ ތަޖުރިބާ އެވެ. މީގެ ކުރިން ނަބަބްކިން ކުޅެފައިވަނީ 21 އަހަރުން ދަށުގެ ގައުމީ ޓީމަށެވެ.
ޑެންމާކް ޓީމުން ކަސްޕާ ޝުމައިކަލް އަށް ޖާގަ ލިބުނީ އެއްވަނަ ކީޕަރު ތޯމަސް ސޮރެންސަނަށް އަނިޔާވުމުންނެވެ. 25 އަހަރުގެ ޝުމައިކަލް އަކީ ދުނިޔެދުށް މޮޅު ކީޕަރެއް ކަމަށްވާ ޕީޓަ ޝުމައިކަލްގެ ދަރިފުޅެވެ.
ހޮލެންޑް ޓީމުން ޖެޓްރޯ ވިލިއަމް އަކީ ވެސް ފާހަގަ ކުރެވޭ ކުޅުންތެރިއެކެވެ. 18 އަހަރުގެ ކުޅުންތެރިޔާ ވަނީ ނިމިދިޔަ ސީޒަނުގައި ޕީއެސްވީގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. މީގެ އިތުރުން އިބްރާހީމް އަފެލާއީ އަކީ ވެސް ވިދާލާނެ ކަމަށް ބެލެވޭ ކުޅުންތެރިއެކެވެ. ކްރޮއޭޝިޔާ ޓީމުން ޖުރީކާ ބުލިޖަޓް އަނިޔާގައި ހުރި ނަމަވެސް ޓީމަށް ނެގީ އޭނާގެ ބޭނުންހިފިދާނެ ކަމުގެ ޔަގީންކަން އޮތުމުންނެވެ.
އިޓަލީ ޓީމުގައި ހުރި ތަރިއަކީ މާރިއޯ ބަލެޓޮއްލީ އެވެ. އޭނާ ބުނީ އާދައިގެ އިންސާނުންނަށްވުރެ އޭނާ އަކީ ވިސްނުންތޫނު މީހެއް ކަމަށާއި ޔޫރޯގައި މޮޅަށް ކުޅޭނެ ކަމަށެވެ. އެކަމަކު އަދިވެސް މޮޅު މީހަކަށްވާން އިތުރަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ބަލެޓޮއްލީ އެއްބަސްވި އެވެ.
ސްޕޭން ޓީމުން ތަރިއަކަށް ވުމުގެ ފުރުސަތު ލިބިފައިވަނީ ފޯވަޑް ފެނާންޑޯ ލޮރަންޓޯ އަށް އަށާއި ހުވާން މާތާ އަށެވެ. މި ދެ ކުޅުންތެރިން މިހާރު ތިބީ ވަރަށް ފޯމުގަ އެވެ. އިނގިރޭސި ޓީމުގެ ނުވަނަންބަރު ބޭނުން ކުރާނީ ޒުވާން އެންޑީ ކެރޯލެވެ. މި މުބާރާތަކީ އިނގިރޭސި ޖާޒީގައި ވިދާލުމަށް ލިބޭ ފުރުސަތަކަށްވާއިރު ޗެލްސީގެ ޒުވާން ޑިފެންޑަރު ގެރީ ކާހިލް އާއި މެންޗެސްޓާގެ ފިލް ޖޯންސްއަކީ ވެސް ތަރިންނަށްވުމުގެ ފުރުސަތު އޮތް ކުޅުންތެރިންނެވެ.
ފްރާންސް ޓީމަށް ބަލާއިރު ޔޯހާން ކަބާޔޭ އަކީ ގައިގަ ހަކަތަ ހުރި ކުޅުންތެރިއެކެވެ. ވެލެންސިއާގެ ޑިފެންޑަރު އާދިލް ރަމީ އަކީ ކޯޗު ބްލޮންކް ނުހަނު ގަޔާވާ ކުޅުންތެރިއަކަށްވާއިރު ސާމިރު ނަސްރީ އާއި ހާތިމް ބިން އަރްފާ އާއި ކަރީމް ބެންޒެމާ އަށް ވެސް ފްރާންސްގެ ރަތްހާ ޖެހި ޖާޒީގައި ވިދާލަން މިއަށްވުރެ ވަކި ރަނގަޅު ފުރުސަތެއް ނުލިބޭނެ އެވެ.