11 Feb 2024, 06:50
މަޝްހޫރު ފިލްމު ސީރީސް ކަމަށްވާ "ކޮމާންޑޯ"ގެ ތަރި ވިދުޔަތު ޖަމްވާލުގެ ކެރިއަރުގެ އެންމެ ވަރުގަދަ އެއް އެކްޝަން ފިލްމު މި މަހުގެ 23ގައި ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ.
ވިދުޔަތުގެ އަމިއްލަ ފިލްމު ކުންފުނިން ގެނެސްދޭ ފިލްމު "ކްރެކް-ޖީތޭގާ ތޯ ޖިޔޭގާ"އަކީ އެކްޓަރު ޚުދު އަމިއްލައަށް ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމު "ކްރެކް"ގެ ޑައިރެކްޓަރަކީ މަގުބޫލު ފިލްމުތައް ކަމަށްވާ "އާޝިޤް ބަނާޔާ އާޕްނޭ" އަދި "ޓޭބަލް ނަމްބަރު 21" އުފެއްދި އަދިތްޔާ ދަތުއެވެ.
އަމިއްލަ ފިލްމު ކުންފުނި އެކްޝަން ހީރޯ ފިލްމްސް ބެނާގެ ދަށުން އުފައްދާ މި ފިލްމަކީ، މިހާތަނަށް އިންޑިއާގެ ފިލްމު އިންޑަސްޓްރީން ފެންނާނެ އެންމެ ބޮޑު އަދި ވަރުގަދަ ސްޕޯޓްސް އެކްޝަން ތުރިލާ ކަމަށް ވިދުޔަތު ވަނީ ބުނެފައެވެ.
އަރުޖުން ރާމްޕާލް، ބަތަލާ ނޯރާ ފަތޭހީ އަދި އެމީ ޖެކްސަން މުހިއްމު ރޯލްއިން ފެންނާނެ "ކްރެކް"ގެ ވާހަކަ ބިނާކޮށްފައި ވަނީ މުމްބާއީގެ ފަޤީރު ހިސާބަކަށް ނިސްބަތްވާ ފިރިހެނަކު އިންޑިއާގެ އަންޑަގްރައުންޑް ސްޕޯޓްސްއަށް ކުރާ ދަތުރުގެ މައްޗަށެވެ. ފިލްމުގެ ޓްރެއިލާ އާއްމުންނަށް ދައްކައިލި ހަފުލާގައި ވިދުޔަތު ބުނެފައިވަނީ އޭނާގެ މި ހުވަފެން ހަޤީޤަތަކަށްވީ "ކްރެކް"ގެ ޓީމުގައި މަސައްކަތްކުރި ބައިވެރިންގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.

ވިދުޔަތު އަދި އަރުޖުން ފިލްމު 'ކްރެކް'ގެ މަންޒަރެއްގައި-- ފޮޓޯ/އިންޓަނެޓް
ފިލްމު "ކޮމާންޑޯ" ސީރީސްގެ އިތުރުން "ފޯސް" އަދި ޚުދާ ހާފިޒު"އިން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު ބުނީ ފިލްމު "ކްރެކް"އަކީ އޭނާ ބޮޑު ބަޖެޓު ފިލްމަކުން ދެކެން ބޭނުންވި ސަޕޯޓަރުންނަށް ގެނެސްދޭ ހަދިޔާއެއް ކަމަށެވެ.
ފިލްމުގެ މުހިއްމު ރޯލެއް ކުޅޭ އެކްޓަރު އަރުޖުން ރާމްޕާލް ފިލްމާ ދޭތެރޭ ބުނެފައިވަނީ މި ފިލްމުގައި އެކްޝަން ސީންތައް ކުޅެން އޭނާ ކުރިމަތިލީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ދެކިގެންނެވެ. ހާއްސަކޮށް ވިދުޔަތު ފަދަ ހަށިގަނޑު ވަރުގަދަކޮށް ހުންނަ އެކްޓަރަކާއެކު އެކްޝަން ސީންތައް ކުޅުމަކީ އަރުޖުން ފަދަ ފިޓުކޮށް ހުންނަ އެކްޓަރަކަށް ވެސް ފަސޭހަކަމެއް ނޫންކަމަށް އޭނާ ވަނީ ބުނެފައެވެ.
މި ފިލްމުގެ ޝޫޓިން ތެރެއިން އަރުޖުން އަދި ބަތަލާ ނޯރާއަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތައް ލިބުނު ކަމަށާއި އެހެންނަމަވެސް ފިލްމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީޚަށް ނިންމާލެވުނު ކަމަށް އަރުޖުން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ސްޕައި ތުރިލާ ފިލްމަކުން ބެލުންތެރިންނާ ބައްދަލުކުރި ވިދުޔަތު އަންނަނީ "ޝޭރު ސިންގް ރާނާ"ގެ ނަމުގައި އުފައްދާ ފިލްމެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނެ ވަކި ދުވަހެއް އަދި އިއުލާނު ނުކުރެއެވެ.