11 Feb 2024, 07:02
މަޝްހޫރު ބިރުވެރި ފްރެންޗައިޒް ކަމަށްވާ "ދަ ކޮންޖަރިން" އަދި މަޝްހޫރު ސައިފައި އެކްޝަން ފްރެންޗައިޒް "ދަ ޕްރެޑެޓާ"ގެ އާ ބައެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިއުލާނު ކޮށްފިއެވެ.
މިހާތަނަށް އެޅުވި އެންމެ ކާމިޔާބު ބިރުވެރި ފިލްމު ފްރެންޗައިޒް ކަމަށްވާ ކޮންޖަރިންގެ އާ ބައެއް ނެރޭނެ ދުވަހަކަށް އެތައް ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. މި ފްރެންޗައިޒް އަކީ ގިނަ ބަޔަކަށް ވަރަށް ބޮޑަށް ކަމުގޮސްފައިވާ ފްރެންޗައިޒްއަކަށް ވާއިރު ގިނަ ބަޔަކު ހީކޮށްގެން ތިބީ އެންމެ ފަހުގެ ފިލްމާއެކު ފްރެންޗައިޒް ނިމިގެން ދާނެ ކަމަށެވެ.
އެގޮތުން ކޮންޖަރިން ސީރީޒްގެ އެންމެ ފަހު ފިލްމު "ދަ ޑެވިލް މޭޑް މީ ޑޫ އިޓް" ރިލީޒް ކޮށްފައިވަނީ 2021 ވަނަ އަހަރުގައެވެ. އެއަށްފަހު އަނެއްކާ ވެސް ކޮންޖަރިންގެ އާ ވާހަކައެއް ނެރޭނެ ކަމަށް މިއޮތީ ހާމަކޮށްފައެވެ.
ވޯނަބްރޮސްއިން ހާމަކޮށްފައިވާ ގޮތުގައި ފްރެންޗައިޒްގެ އާ ފިލްމަށް މިހާރު ވަނީ ޑައިރެކްޓަރެއް ލިބިފައެވެ. އެގޮތުން އާ ފިލްމު ޑައިރެކްޓް ކުރާނީ މައިކަލް ޝަވޭސްއެވެ. ކޮންޖަރިން ސީރީޒްގެ އެންމެ ފަހުގެ ފިލްމު ވެސް ޑައިރެކްޓު ކުރީ ޝަވޭސްއެވެ. އޭގެ އިތުރުން ކޮންޖަރިން ޔުނިވާސްގެ ސްޕިން އޮފް ސީރީޒް ފިލްމު "ނަން"ގެ ދެވަނަ ބައި ވެސް ޑައިރެކްޓް ކުރީ އޭނާއެވެ.
މިހާރު ފްރެންޗައިޒްގެ ހަތަރުވަނަ އަދި ފަހު ފިލްމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު މަަސައްކަތް ކުރިއަށް ގޮސްފައިވަނީ ކިހާ ހިސާބަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި އާ ފިލްމު ރިލީޒް ކުރާނެއެވެ.
ޕްރެޑެޓާ ފިލްމު ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމަށް ވެސް ވަނީ ޑައިރެކްޓަރެއް ލިބިފައެވެ.
ޕްރެޑެޓާ ފްރެންޗައިޒް އަކީ އާންމުންގެ ތެރޭގައި މިކްސް ހިޔާލުތަކެއް އޮތް ފްރެންޗައިޒް އެކެވެ. ބައެއް ފިލްމުތަކަކީ ގިނަ ބަޔަކަށް ވަރަށް ކަމު ގޮސްފައިވާ ފިލްމުތަކަށްވާއިރު ބައެއް ފިލްމުތަކަކީ ގިނަ ބަޔަކު ފޫހިވާ ފިލްމުތަކެކެވެ.
އެގޮތުން ޕްރެޑެޓާ ފްރެންޗައިޒްގެ އެންމެ ފަހުން ނެރެފައިވަނީ ޕްރީކުއެލް ފިލްމު "ޕްރޭ" އެވެ. މި ފިލްމާއެކު ފްރެންޗައިޒްއަށް ވަނީ އާ ދިރުމެއް ލިބިފައެވެ.
ޕްރޭ ޑައިރެކްޓް ކޮށްފައިވަނީ ޑޭން ޓްރެޗެންބާގްއެވެ. ސްޓްރީމިންއަށް 2022 ވަނަ އަހަރު ދޫކޮށްލި މި ފިލްމު ގިނަ ބަޔަކަށް ވަރަށް ކަމުދިޔައެވެ. ދެވަނަ ފިލްމުގެ ޑައިރެކްޝަންގައި ވެސް މަސައްކަތް ކުރާނީ ޑޭންއެވެ.
މި ފިލްމުގެ ޝޫޓިން ފެށުމަށް ކައިރިވެފައިވާއިރު ކާސްޓު އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.