ދުންފަތާ މީހުން ދުރުކުރަން ހިންގާ ކެމްޕޭންތަކާ ދެކޮޅަށް ދުންފަތް އިންޑަސްޓްރީ މަސައްކަތް ކުރާ ކަމަށާއި އެކަމަށް ސަމާލުވާން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ގޮވާލައިފި އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަހުގެ މުނާސަބާގައި ޑަބްލިޔޫއެޗްއޯ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެ ޖަމިއްޔާއިން އެކުލަވާލާފައިވާ "ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް" މުއާހަދާ ގައިވާ ކަންތައްތައް ފުރިހަމަ ކުރަން ދުނިޔޭގެ ގައުމުތަކުން މަސައްކަތް ކުރާއިރު ދުންފަތުގެ އެ މުއާހަދާގައިވާ ސިޔާސަތުތަކާ ދެކޮޅަށް ދުންފަތުގެ އިންޑަސްޓްރީން ވަރުގަދައަށް މަސައްކަތް ކުރާ ކަމަށެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ ޑަބްލިޔޫއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދަށް އަމާޒުކޮށްގެން ދުންފަތުގެ އިޝްތިހާރު ކުރުން ދުންފަތުގެ އިންޑަސްޓްރީން އިތުރުކޮށްފައިވާ ކަމަށާއި މި ސަރަހައްދުގެ ކޮންމެ 10 ކުއްޖަކުން އެއް ކުއްޖަކަށް ދުންފަތުގެ އުފެއްދުންތަކުގެ ފްރީ ސާމްޕަލް ހުށައެޅޭ ކަަމަށެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަހުގެ މުނާސަބާފައި ޑަބްލިޔޫއެޗްއޯގެ މި ސަރަހައްދުގެ ރީޖަނަލް ޑަައިރެކްޓަރު އާއްމު ކުރެއްވި މެސެޖްގައި ވިދާޅުވެފައި ވަނީ އާއްމު ސިއްހަތާ ދެކޮޅަށް ދުންފަތް އުފައްދާ ކުންފުނިތަކުން މަސައްކަތް ކުރާ ކަމަށާއި އެކަން ކުރަނީ ފައިސާގެ ބޭނުމުގައި ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ދުންފަތުގެ އިންޑަސްޓްރީން ހުރިހާ ގައުމެއްގައި މަސައްކަތް ކުރަނީ އެއްގޮތަކަށް ނޫން ކަމަށާއި އެމީހުންގެ ވިޔަފާރި ހިމާޔަތް ކުރުމަށްޓަކައި އެހެން ފަރާތްތަކުގެ އެހީ ހޯދާ ކަމަށެވެ.