31 May 2012, 14:04
އަންނަ ހަފުތާގެ ހުކުރު ދުވަހަކީ ޔޫރަޕުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފަށާ ދުވަހެވެ. މުބާރާތުގައި ވާދަ ކުރާ 16 ގައުމުން ވެސް މިހާރު ވަނީ 23 ކުޅުންތެރިންގެ ސްކޮޑް އިއުލާނުކޮށްފަ އެވެ. މުބާރާތުގައި ވާދަ ކުރާ 368 ކުޅުންތެރިން ކަށަވަރުވެގެންދިޔައިރު ހައިރާންކުރުވަނިވި ބަދަލުތަކެއް ވެސް ވަނީ ފެނިގެންގޮސްފަ އެވެ.
ގްރޫޕްއޭގެ ޓީމުތެކުގެ ތެރެއިން ޗެކްރިޕަބަލިކަށް ބަލާއިރު އެ ގައުމުން މަޝްހޫރު ކުޅުންތެރިއަކު އުނިކޮށްފައެއްނެތެވެ. އެކަމަކު ގްރީސް އިން ވަނީ މުހިންމު ދެ ކުޅުންތެރިއަކު އުނިކޮށްފަ އެވެ. ކޯޗު ފެނާންޑޯ ސަންޓޯސް ބާކީކުރި ދެ ކުޅުންތެރިންނަކީ މޮނާކޯގެ އެލެގްޒެންދްރޯސް ޒިއޯލިސް އާއި ބޮލޯނިއާގެ ޕަންގިއޯޓިސް ކޯން އެވެ. މީގެ ތެރެއިން އެލެގްޒެންދްރޯސް ބާކީ ކުރީ ކުލެބު ލެވެލްގައި މަދު މެޗުތަކެއް ކުޅެފައިވުމުންނެވެ. ކޯން ބާކީ ކުރީ ޓީމަށް ފުދޭވަރަށް މިޑްފީލްޑަރުން ތިބުމުންނެވެ.
ޕޮލެންޑްގެ ކޯޗު ސަމޫދާ ގައުމީ ޓީވީ މެދުވެރިކޮށް ބުނީ ތިން ކުޅުންތެރިއަކު ބާކީ ކުރަން ޖެހުމުން ދެރަވި ކަމަށާއި މިކަން ކުރަން އުނދަގޫވި ކަމަށެވެ. އޭނާގެ ޓީމުން އުނިކުރަން ޖެހުނު އެންމެ މުހިންމު ކުޅުންތެރިއަކީ އާސެނަލްގެ ބަދަލު ކީޕަރު ލޫކަސް ފަބިއާންސްކީ އެވެ. އޭނާގެ ކޮނޑުހުޅަށް ވަނީ އަނިޔާވެފަ އެވެ.
ޑިކް އެޑްވޮކާޓްގެ ރަޝިޔާ ސްކޮޑުން ބާކީ ކުރި އެންމެ މުހިންމު ކުޅުންތެރިއަކީ ތަޖުރިބާކާރު ޑިފެންޑަރު ވަސިލް ބެރަޒުސްކީ އެވެ. އޭނާ ބާކީ ކުރުމަށް ފަހު ޓީމަށް ނެގީ 35 އަހަރުގެ ޑިފެންޑަރު ރޯމަން ޝަރްނޯވް އެވެ.
ޑެންނާމް ޓީމުން ޖާގަ ގެއްލުނީ ސްޓޯކް ސިޓީގެ ކީޕަރު ތޯމަސް ސޮރެންސަން އަށެވެ. ގައުމީ ޓީމަށް 101 މެޗު ކުޅެދީފައިވާ ކީޕަރު ބާކީ ކުރީ އަނިޔާގެ ސަބަބުންނެވެ. ޖާމަނީ ޓީމުން ކަކާއޯ ބާކީ ކުރުމުން އޭނާގެ ހުވެފެންތަކުގައި ކުލަ ނުޖެހޭނެކަނަ ވަނީ ކަށަވަރުވެފަ އެވެ. ބްރެޒިލަށް އުފަން ކުޅުންތެރިޔާ އުއްމީދުކޮށްގެންހުރީ 2014 ވަނަ އަހަރު އޭނާ އުފަންވި ގައުމުގައި ބާއްވާ ވޯލްޑް ކަޕް ކުޅެން ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ޓީމުން ބާކީވި ނަމަވެސް ކަކާއޯ ވަނީ އޭނާގެ ހެޔޮއެދުންތައް ޓީމާއެކު ހިއްސާކޮށްފަ އެވެ.
ހޮލެންޑް ޓީމުން ބާކީވީ އެގައުމުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އާދަމް މާހިރެވެ. ޕޯޗުގަލް ޓީމުން ފުރުސަތު ގެއްލުނީ ގްރެނާޑާގެ މިޑްފީލްޑަރު ކާލޮސް މާޓިން އަށެވެ. އެއީވެސް އަނިޔާގެ ސަބަބުންނެވެ. ކްރޮއޭޝިޔާ ޓީމުން ހަތަރު ކުޅުންތެރިއަކު ބާކީކުރި ނަމަވެސް މަޝްހޫރު ހުރިހާ ތަރިން ވަނީ ޓީމުގައި ހިމަނާފަ އެވެ.
އިޓަލީގެ ޓީމުން ކްރިސީޓޯ ބާކީކުރީ އޭނާ ކޯޓަށް ހާޒިރުވާން ޖެހޭތީވެ، އެއީ މެޗުގެ ނަތީޖާ ބަދަލު ކުރަން ރިޝްވަތު ނެގިކަމުގެ ތުހުމަތުގަ އެވެ. ކޯޗު ޕްރަންޑެއްލީ ދެން ބާކީ ކުރީ މިލާނުގެ ޑިފެންޑަރު އަންދްރިއާ ރޮނޮއްޗިއާ އާއި ފޯވްޑް މަޓިއާ ޑެސްޓްރޯ އެވެ.
އަޔަލޭންޑް ޓީމުން ބާކީ ކުރީ ޑިފެންޑަރު ކެވިން ފްލޭ އެވެ. އަނިޔާގެ ސަބަބުން އޭނާ ބާކީ ކޮށްފައިނެގީ އަނިޔާ ރަނގަޅުވަމުން އަންނަ ކުޅުންތެރިއެކެވެ. އަދި ކެވިން ބޭނުންނަމަ އޭނާއަށް ޓީމާއެކު ހުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ޗެމްޕިއަން ސްޕޭން ޓީމުން ބާސެލޯނާގެ ތިން ކުޅުންތެރިން ކަމަށްވާ ކާލޮސް ޕުޔޯލް އާއި ޑޭވިޑް ވިޔާ އަދި ޒުވާން ތިއާގޯ އަލްސްނަޓްރާ ބާކީ ކުރީ އަނިޔާގެ ސަބަބުންނެވެ. ޕުޔޯލް އާއި ވިޔާ އަކީ ޔޫރޯ އާއި ވޯލްޑް ކަޕް ހޯދި ޓީމުގެ މުހިންމު ދެ ކުޅުންތެރިންނެވެ. މީގެ އިތުރުން މެންޗެސްޓާގެ ޒުވާން ކީޕަރު ޑޭވިޑް ޑިޖާ ބާކީ ކުރީ ތަޖުރިބާކާރު މޮޅު ތިން ކީޕަރަކު ޓީމުގައި ތިބުމުންނެވެ.
އިނގިރޭސި ޓީމުން ގެރެތް ބެރީ ބާކީ ކުރަން ޖެހުނީ ވެސް އުކުޅުވަޅު ހަލާވުމުންނެވެ. ޑެނިއަލް ސްޓަރިޖް ބާކީ ކުރީ އެހެން ފޯވަޑުން ފޯމުގައި ތިބުމުންނެވެ. ކްރިސް ސްމޯލިން އަށް ވެސް ވަނީ އަނިޔާގެ ސަބަބުން މުބާރާތަ ގެއްލިފަ އެވެ. ޔުކްރޭނު ޓީމަށް ފާހަގަ ކުރެވޭ ބަދަލެއް ނެތް އިރު ލޯރަން ބްލޮންކް ފްރާންސް ޓީމުން ޔޯހާން ގްކޫފް ބާކީ ކުރީ ސީޒަން ޕާފޯމަންސް ދަށްވުމުންނެވެ. ފޯމުގައި ހުރި ފޭނޫޑްގެ ފޯވަޑް ޔޯހަން ގުއިޑެއްޓީ ބޮޑު މުބާރާތެއްގައި ގައުމީ ޓީމަށް ނުކުޅޭތާ ތިން އަހަރުވުން ނިމުމަކަށް ގެނައުމަށް ކިތަންމެ ބޭނުންވި ނަމަވެސް އެކަމަށް ހުރަސް އެޅީ އޭނާ އަށް ލިބިފައިވާ އަނިޔާ އެވެ.