12:00


ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ޑީއާރުޕީގެ ޓިކެޓްގައި ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވި ނަމަވެސް ބައެއް ޑޮކިއުމަންޓްތައް ނުލިބޭތީ މުއްދަތު އިތުރު ކޮށްފި އެވެ.


ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް އަބުދުއްރަޝީދު ނާފިޒު ވިދާޅުވީ ކުރިން ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަކުރުމަށް ޓިކެޓް ހޯދުމުގެ މުއްދަތު މިއަދަށް ހަމަވާ ގޮތަށް އޮތް ނަމަވެސް މިމަހުގެ 18 ވަނަ ދުވަހަށް މުއްދަތު އިތުރުކުރަން ނިންމީ ރަށްރަށުން ފޮނުވަން ޖެހޭ ޑޮކިއުމަންޓްތައް ނުލިބިގެންނާއި އަދި ކުރިން ދީފައިވާ މުއްދަތުގައި ބަންދު ދުވަސްތަކެއް އައިސްފައިވާތީ ދަތިތަކެއް ކުރިމަތިވުމުން ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.


ނާފިޒު ވިދާޅުވީ ގިނަ ރަށްތަކަކުން ޑޮކިއުމަންޓްތައް ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ޑީއާރުޕީގެ ޓިކެޓް ހޯދާފައި ވަނީ ކިހާ މެމްބަރުންނެއް ކަމެއް ނާފިޒު ވިދާޅެއްނުވެ އެވެ. ނާފިޒު ވިދާޅުވީ ޑީއާރުޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބަށް ނުކުންނަ މެމްބަރުގެ ޖުމްލަ އަދަދު އެނގޭނީ  މިމަހު 18 ވަނަ ދުވަހު ކަމަށެވެ.


އިންތިޚާބަށް ކުރިމަތިލާން ގަސްދުކުރާ ބޭފުޅުންނަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭ ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ބޭފުޅުންނަށް ވާންޖެހޭނެ ކަމަށް ޑީއާރުޕީން ބުނެ އެވެ.