10 Feb 2024, 12:53
އިންޑިއާގެ ކޮޗިންގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން ދިވެހިންނަށް އަނިޔާވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެކްސިޑެންޓުގައި ތިން އަންހެނަކަށް އެކި ވަރުގެ އަނިޔާ ލިބިފައި ވާއިރު އެއީ ރ. އަލިފުއްޓަށް ނިސްބަތްވާ އާއިލާއެކެވެ.
އަނިޔާވި މީހުންގެ އާއިލާ މީހަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، އެ މީހުންނަށް ލިބުނު އަނިޔާގެ މާބޮޑު ތަފްސީލެއް އަދި ލިބިފައި ނުވާކަމަށެވެ. ނަމަވެސް، އެކެއްގެ މޫނު ވަރަށް ބޮޑަށް ޒަޚަމްވެ ނޭފަތް ބިންދައިގެން ގޮސްފައި ވާކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭކަމަށް އޭނަ ބުންޏެވެ.
އޭނާ ބުނިގޮތުގައި މި އެކްސިޑެންޓު ހިންގަން މެދުވެރިވީ ހައިވޭގައި ދުއްވާފައި ދިޔަ ކާރު މަޑުކޮށްލި ވަގުތު ފަހަތުން އައި ކާރު ޖެހުމުންނެވެ. އެވަގުތު އެ މީހުން ދަތުރު ކުރީ ކޮޗިން އިން ޑޮކްޓަރަށް ދެއްކުމަށް ފަހު އަނބުރާ ޓްރިވިންޑްރަމަށް ދިއުމަށެވެ.
އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ، ތިން މީހުންގެ ހާލަތު ވެސް މިވަގުތު ސީރިއަސް ކަމަށެވެ. އަދި އެ ތިން މީހުންނަށް ވެސް މިވަގުތު ފަރުވާ ދެނީ އައިސީޔޫގައި ކަމަށެވެ.