31 May 2012, 13:57
އިއްޔެ އިން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ ތިން ވަނަ މޯލްޑިވްސް ބެޑްމިންޓަން ޗެލެންޖް އިއްޔެ ފަށައިފި އެވެ.
މާލޭ ކުޅިވަރު އެކުވެނީގައި އިއްޔެ ފެށި މިމުބާރާތުގައި ޖުމަލް 86 ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން މުބާރާތުގައި ސައުވީސް އަންހެން ކުޅުންތެރިން ވާދަކުރާއިރު، ފަންސާސް ނުވަ ފިރިހެން ކުޅުންތެރިން ވާދަކުރެ އެވެ. މީގެ ތެރޭގައި ރާއްޖެ އިން ބޭރުގެ 17 އަންހެން ކުޅުންތެރިން ހިމެނޭއިރު، 43 ފިރިހެން ކުޅުންތެރިން ހިމެނެ އެވެ.
ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ރާއްޖޭގެ 23 ކުޅުންތެރިން ބައިވެރިވި ކަމަށެވެ. އެހެން ނަމަވެސް މުބާރާތުގެ ފުރަތަމަ ދުވަހުގެ ކުޅުން އިއްޔެ ފެށި އިރު، ފިރިހެން ސިންގަލްސް އާއި އަންހެން ސިންގަލްސްގައި ވާދަކުރި ދިވެހި ކުޅުންތެރިން އިއްޔެ ވަނީ މުބާރާތުން ކަޓައިފަ އެވެ.
މުބާރާތުގެ ފިރިހެން ސިންގަލްސްގައި 38 ކުޅުންތެރިން ވާދަކުރާ އިރު އަންހެން ސިންގަލްސްގައި 14 ކުޅުންތެރިން، ފިރިހެން ޑަބަލްސްގައި 19 ކުޅުންތެރިން، އަންހެން ޑަބަލްސްގައި އަށް ކުޅުންތެރިން މިކްސް ޑަބަލްސްގައި ނުވަ ކުޅުންތެރިން ވާދަކުރެއެވެ.
މުބާރާތުގައި އިއްޔެ ހަވީރާއި ރޭ ކުރިޔަށްދިޔައީ ފިރިހެން ޑަބަލްސް އިވެންޓްތަކާއި އަންހެން ޑަބަލްސް އިންވެންޓްތަކެވެ. ފިރިހެން ޑަބަލްސްގައި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ މުޙައްމަދު އަޖުފާންއާއި ސްވިޒަލެންޑްގެ ކުޅުންތެރިއަކާއި ދެކޮޅަށް ކުޅެ ލަންކާގެ ދެކުޅުންތެރިން ބަލިކޮށް ދެވަނަ ބުރަށް ވަނީ ދަތުރުކޮށްފަ އެވެ.
މުބާރާތުގެ ކުޅުން އިއްޔެ ހަވީރު ފަށާފައިވާ އިރު ރަސްމީކޮށް މުބާރާތް ހުޅުވީ އިއްޔެ ހަވީރެވެ. އެގޮތުން މުބާރާތް ހުޅުވާދެއްވުމަށް ކުޅިވަރާ ބެހޭ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފާއި އޮލިމްޕިކް ކޮމިޓީގެ ރައީސް އިބްރާހީމް އިސްމާއީލް އަދި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ރައީސުން ބައިވެރިވި އެވެ.
މުބާރާތުގައި ބެޑްމިންޓަންގައި ދުނިޔޭގެ އެންމެ ވަރުގަދަ އަށް ގައުމުގެ ތެރެއިން ދެކުނު ކޮރެއާ ފިޔަވައި އެހެން ހުރިހާ ގައުމުތަކުގެ ކުޅުންތެރިން ބައިވެރިވެ އެވެ.