ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޯސްކޮށް ކަންތައްތަކެއް ނުކުރައްވާނަމަ، ރައްޔިތުންގެ މަޖިލީހުން އެ މަނިކުފާނު އަޒުލުކޮށްފައިނެތީ އެ ވަރަށް ސިހި، އެ ކަމާ ފިކުރުބޮޑުކުރަން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު އުފައްދަވަން މަސައްކަތްކުރާ އާ ސިޔާސީ ޕާޓީ، ޕީއެންއެފްގެ އޮފީހުގައި ސިލްސިލާކޮށް ބާއްވާ ޖަލްސާގައި ރޭ ވެސް ޔާމީން ބައިވެރިވެވަޑައިގެންނެވިއެވެ. ޕޯޑިއަމަށް އަރައިވަޑައިނުގެން ރޭ ވެސް އެ މަނިކުފާނު ވަނީ ވާހަކަދެއްކެވި ބޭފުޅުންނާ ސުވާލު އަމާޒުކުރައްވައިފައެވެ.

އެ މަނިކުފާނު ރޭ ވަނީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީތަކުން ކުރާ ކަންކަމަށް އަލިއަޅުއްވައިލައްވައިފައެވެ.

އެގޮތުން، ރައީސް މުއިއްޒު އަޒުލުކުރަން އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ސޮއިހަމަކުރުމުން އެ ކަމާ ރައީސް "ސިހެން ނުޖެހޭ" ކަމަށް ޔާމީން ގަބޫލުކުރައްވައެވެ. އެ މަނިކުފާނު ވިދާޅުވީ، ރައީސަކު ވަކިކުރެވޭނެ ހަމަތަކާއި އުސޫލުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ.

އެހެންވެ، ގޯސްކޮށް ކަންތައްތަކެއް ނުހިނގާނަމަ، އަޒުލުކޮށްފައިނެތީ ފިކުރުބޮޑު ކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަށް ގާނޫނު އަސާސީގައާއި މަޖިލީހުގެ ގަވާއިދުގައި އެބަހުރި އުސޫލުތަކެއް ކަނޑައަޅާފައި. އެއީ، ހަމަ ބަޔަކު ހިތަށް އެރީމާ ފަސޭހަކަމާ އެކު ކޮށްލެވޭ ކަމެއް ނޫން. [އަޒުލުކުރާނަމަ] ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ގާނޫނާ ހިލާފު ކަންތައްތަކެއް ފެންނަންޖެހޭ،" ޔާމީން ވިދާޅުވިއެވެ.

ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން، ޕީއެންއެފްގެ ޖަލްސާގައި: ވިދާޅުވީ ގޯސްކޮށް ކަމެއް ނުހިނގާނަމަ، އަޒުލުކުރުމާ މެދު ސިހެންނުޖެހޭ ކަމަށް -- ފޮޓޯ/ ޕީއެންއެފް

އެ މަނިކުފާނު ވަނީ އެއީ އެހާބޮޑަށް ސިހުންވާން ޖެހޭ ކަމެއްތޯ ސުވާލު އުފައްދަވައިފައެވެ.

"ރައީސުލްޖުމްހޫރިއްޔާއަކު އެ ވަރަށް ވިސްނާވަޑައިގަންނަވަން ޖެހޭ ކަމަކަށް ވެދާނެތޯ އަޒުލުކުރުމަކީ އޮތް އޮޕްޝަނެއް ކަމަށް. އަދި، މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކުގައި އޮތަސް ރައީސުލްޖުމްހޫރިއްޔާ އެކަމާ އެހާ ސިހުންވާން ޖެހޭތޯ،" ނުސީދާ ގޮތަކަށް ސަރުކާރަށް ފާޑު ވިދާޅުވަމުން ޔާމީން އެއްސެވިއެވެ.

"އެހެން މި ދެންނެވީ، އެއްވެސް މީހަކު ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނަނީ އެ މަގާމުގައި ބަގުޑި ބައްދައިގެން އަބަދު ތިބޭކަށެއް ނޫން،"

އެ މަނިކުފާނު ވިދާޅުވީ، ރައީސްކަމުގެ މަގާމަށް އަންނަނީ ރައްޔިތުންނަށް ޚިދުމަތް ކުރަން ކަމަށެވެ. އެއީ، މަގާމުގައި ތާއަބަދަށް ތިބެން އަންނަ އައުމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެހެންވެ، ބޭއިންސާފުން އެއްވެސް މީހަކު މަގާމަކުން ދުރުކޮށްފި ނަމަ، އެ މީހެއްގެ ތާއީދާއި ލޯބި ކުރިއަށް ވުރެ އިތުރުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ބޭއިންސާފުން ކަމެއް ކޮށްފައި ރައީސުލްޖުމްހޫރިއްޔާ އަޒުލުކޮށްފި ކަމަށްވަންޏާ އެ ބޭފުޅެއްގެ ޝުހުރަތު ރައްޔިތުން ކުރިމަތީ އިތުރުވެގެން އެ ދަނީ. އަދި، އަނިޔާވެރިކޮށް ކަންތައް ކުރި މީހުންގެ އަނިޔާވެރިކަން ރައްޔިތުންނަށް އިތުރަށް ހާމަވެގެން ދަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަހު، ރައީސް ޑރ. މުއިއްޒާއި އަބްދުއްރަހީމާ އެކު -- ސަން ފޮޓޯ/ މާހިލް އާތިފް

ނުސީދާ ގޮތެއްގައި ޔާމީން ރޭ ވިދާޅުވީ، އިޚުލާސްތެރިކަމާ އެކީ ކަންތައްތައް ކުރައްވާ ކަމުގައި ވާނަމަ، އަޒުލުކުރުމާ މެދު އެ ވަރަށް ފިކުރުކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

"ކަންތައްތައް އިހުލާސްތެރިކަމާ އެކީ ވަރުގަދައަށް ކުރާ ކަމަށްވަންޏާ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅުގައި އެ ވަރަށް އޮންނަންޖެހޭ ކަމެއްތޯ؟ އަޒުލުކުރުމާ ދޭތެރޭ އެ ވަރަށް ފިކުރުކުރަން ޖެހޭ ކަމެއްތޯ އެއީ،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، އެ މަނިކުފާނު ވަނީ ސަރުކާރުން އެ މަނިކުފާނުގެ ޕީއެންއެފަކީ އިދިކޮޅު ޕާޓީއެއް ކަމަށް ދެކޭ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި، އެ މަނިކުފާނާ އެކު ސިޔާސީ މަސައްކަތް ކުރާ މީހުންނާއި ސަރުކާރާ ދެކޮޅަށް ވާހަކަދައްކައި މީހުންނަށް މަގާމުތައް ދޭތީ ވެސް ޔާމީން ވަނީ ނުސީދާ ގޮތެއްގައި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޖަލު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން މިދިޔަ ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވުނެވެ. އެހެންވެ، އެ މަނިކުފާނުގެ ތާއީދާ އެކު އެ މަނިކުފާނު އޭރު ލީޑަރުކަން ކުރެއްވި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިމަތިލެއްވީ ރައީސް މުއިއްޒެވެ.

އެ މަނިކުފާނު އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު 11 އަހަރުގެ ހުކުމެއްގައި ހުންނެވި ޔާމީން ކުރީ ސަރުކާރުން ވަނީ ގެކޮޅަށް ބަދަލުކޮށްފައެވެ. އެކަމަކު، ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފުތާގައި ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީން ވަކިވެ، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ.

އެއަށް ފަހުގައި ސަރުކާރަށް ފާޑު ވިދާޅުވާއިރު، އަލަށް އުފައްދަވަން މަސައްކަތްކުރައްވާ ޕާޓީ އަދިވެސް ރަޖިސްޓްރީއެއް ނުކުރެއެވެ.

ޔާމީންގެ އިސްތިއުނާފު ހުކުމާ ހަމައަށް ވާސިލުވި ފަހުން ތިން މަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެކަމަކު، އަދިވެސް އެ މައްސަލައިގައި ހުކުމް ނުކުރާތީ އެ މަނިކުފާނު ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.