31 May 2012, 13:10
ޖުމުހޫރީ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނެސް އެ ޕާޓީގެ ލީޑަޝިޕަށް ރައީސަކާއި ނައިބު ރައީސެއްގެ މަގާމު އިތުރުކުރަން ކައުންސިލުން ފާސްކޮށްފި އެވެ.
ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ރިޔާސަތު ބެލެހެއްޓެވި އެ ޕާޓީގެ ކައުންސިލް ޖަލްސާ އިން ރޭ ނިންމާފައި ވަނީ ޕާޓީގައި ލީޑަރަކު ހުންނެވި ނަމަވެސް ޕާޓީގެ އިދާރީ ކަންކަން ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ގޮތަށް ރައީސަކާއި ނައިބު ރައީސަކާއި ޕޮލިސީ ސެކްރެޓަރީގެ މަގާމު އިތުރު ކުރުމަށެވެ.
އެމްޑީޕީގައި ނައިބު ރައީސް އިދާރީގެ މަގާމުގައި ހުންނެވުމަށް ފަހު ޖުމުހޫރީ ޕާޓީއަށް ބަދަލުވެ ޕާޓީގެ ރެޖިސްޓްރާގެ މަގާމު ފުރުއްވަމުން އަންނަ މުހައްމަދު އިމްތިޔާޒު (އިންތި) މިއަދު ވިދާޅުވީ ރޭ ބޭއްވި ޖުމުހޫރީ ޕާޓިގެ ކައުންސިލް ބައްދަލުވުމުގައި 18 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި އަސާސީ ގަވައިދަށް ގެންނަން ހުށައެޅި އިސްލާހުތައް ފާސްވީ ކައުންސިލްގެ އަޣުލަބިއްޔަތުން ކަމަށެވެ.
އޭނާ ވިދާޅުވީ އަލަށް ކަނޑައަޅާ ރައީސާއި ނައިބު ރައީސް އަދި ޕޮލިސީ ސެކްރެޓަރީގެ މަގާމަށް ކުރިމަތިލައްވަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
"އެ މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރަނީ ކައުންސިލްގައި ވޯޓް ނެގުމަށް ފަހު އެންމެ ގިނަ ވޯޓް ލިބިވަޑައިގަންނަވާ ފަރާތްތައް މަގާމަށް އަންޔަންކުރައްވާ ގޮތަށް. އެގޮތަށް ކައުން ސިލުން ނިންމާފައިވަނީ،" އިންތި ވިދާޅުވި އެވެ.
އަލަށް ރައީސާއި ނައިބު ރައީސްގެ މަގާމު ޖުމްހޫރީ ޕާޓީގައި އުފެއްދި ނަމަވެސް އިންތި ވިދާޅުވީ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނަވާނީ މިހާރުގެ ވެސް ލީޑަރު ގާސިމް އިބުރާހިމް ކަމަށާއި އަދި ނައިބު ލީޑަރުންގެ މަގާމުގައި ތިއްބެވި ބޭފުޅުން ވެސް އެމަގާމުގައި ތިއްބަވާނެ ކަމަށެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އެ ޕާޓީގެ އިސް އޮފިޝަލަކު މީގެކުރިން ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމުގެ މަގާމުން ވަކި ކުރި ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި އެމްޑީޕީންގެ ނައިބު ރައީސް ކަމުން ވަކި ކުރި އަލްހާނު ފަހުމީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް އެއްބަސްވެ ވަޑައިގަންނަވަނީ ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސްކަން އެ ދެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދުގެ ފަސް ވަނަ މާއްދާ އަށް ދެ އިސްލާހެއް ހުށައެޅުމަށް ފަހު އެކަމަށް ކައުންސިލުން އެއްބަސްވާ ނަމަ ކަމަށެވެ.
"އެދެ ބޭފުޅުން ބޭނުން ވަނީ ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ގެނައުމަށް ފަހު ޕާޓީގައި ލީޑަރަކާއި ހަތަރު ނައިބު ލީޑަރުންގެ ބަދަލުގައި އެއް ނައިބު ރައީސް ހުންވާ ގޮތަށް. އެއީ ރައީސަކަށް ޑީޑީ ނާއިބު ރައީސަކަށް އަލްހާނު އަންނަން ބޭނުންވާ ގޮތަށް ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ބޭނުންފުޅުވެލައްވަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ސަން އަށް ވެސް ކޮޕީ ލިބިފައިވާ ޑްރާފްޓް ގަރާރުގައި ބުނަނީ ޖުމުހޫރީ ޕާޓީގެ އަސާސީ ގަވާއިދުގެ 32 ވަނަ މާއްދާގެ 12ގެ ދަށުން ގައުމީ ހިންގާ ކޮމިޓީ އަށް ލިބިފައިވާ ބާރުގެ ދަށުން އަސާސީ ގަވާއިދުގައި ކަނޑައަޅާފައި ނެތް ކަންކަމާ މެދު އަމަލުކުރާނެ ގޮތް ކަނޑައަޅައި ފާސްކުރުން އެއްބަސްވާން ޖެހޭނެ ކަމަށެވެ.