09 Feb 2024, 08:04
ބޮލީވުޑްގެ މަގުބޫލު ބަތަލާ ޔާމީ ގޯތަމް އަލަތު ދަރިފުޅަށް ބަލިވެއިންކަން ހާމަކޮށްފިއެވެ.
މީގެ ތިން އަހަރު ކުރިން މަޝްހޫރު ޑައިރެކްޓަރު އަދިތްޔަ ދަރްއާ ކައިވެނިކޮށް ދިރިއުޅުމެއް ފަށާފައިވާ ބަތަލާ ބަލިވެއިންކަން ހާމަކޮށްފައިވަނީ ދާދި ފަހުން މަސައްކަތް ނިންމާލި ފިލްމު "އާޓިކަލް 370"ގެ ޓްރެއިލާ ލޯންޗުކުރި ހަފުލާގައެވެ.
ބަލިވެއިންތާ މިހާރު ފަސް މަސް ވެފައިވާކަން އިއުލާނުކުރަމުން ޔާމީ ބުނެފައިވަނީ ބަލިވެއިންކަން އެނގުނީ ފިލްމު "އާޓިކަލް 370"ގެ ޝޫޓިން ތެރޭ ކަމަށެވެ. މާބަނޑުވުމަށްފަހު ފިލްމީ ދާއިރާގައި މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ފިރިމީހާ އަދިތުޔަގެ އެއްބާރުލުން ނުލިބުނު ނަމަ ފިލްމުގެ މަސައްކަތް އެ ހާލަތުގައި ނުނިމުނީސް ކަމަށް ޔާމީ ބުނެފައިވެއެވެ.
ބަލިވެއިނުމަށް ފަހު މަސައްކަތް ކުރުމުގެ ހިތްވަރު އެންމެ ބޮޑަށް ލިބުނީ ބަތަލާގެ މަންމަގެ ފަރާތުން ކަމަށް ޔާމީ ވަނީ ނޫސްވެރިން ގާތު ބުނެފައެވެ.

ބަތަލާ ޔާމީ ފިރިމީހާ އަދިތިޔާއާ އެކު "އާޓިކަލް 370"ގެ ޓްރެއިލަ އާއްމުކުރި ހަފުލާގައި-- ފޮޓޯ/ ބޮލީވުޑް ހަންގާމާ
ޔާމީ އިންޑިއަން އާމީ އޮފިސަރެއްގެ ރޯލް ކުޅޭ ފިލްމު "އާޓިކަލް 370" އަކީ ޑައިރެކްޓަރު އަދިތުޔަ ސުހާސްގެ ފިލްމެކެވެ. މި ފިލްމުގައި ޔާމީ ގިނަ އެކްޝަން ސްޓަންޓްތަކެއްގެ މަންޒަރު ހިމެނޭއިރު މި މަންޒަރުތައް ކުޅެފައި ވަނީ ބަތަލާއަށް ހާއްސަ ކުރެވިފައިވާ ޑޮކްޓަރުގެ އިރުޝާދުގެ މަތިން ކަމަށް ޔާމީ ވަނީ ބުނެފައެވެ.
ފިލްމު "އާޓިކަލް 370" ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ފިލްމު "ވިކީ ޑޯނަ"އިން 2012ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ބަތަލާ މިދިޔަ އަހަރު ތިން ފިލްމަކުން ފެނުނުއިރު މި ތިން ފިލްމަށް ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެވެ.