31 May 2012, 12:46
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 111 މީހަކު ޖަލުގައި މަރާލާފައިވާ ކަމަށް ހ. ޝަފީގުގޭ، އަހުމަދު ޝަފީގުގެ "އަހްމަދު ޝަފީޤުގެ ހަޔާތުން ދުވަހެއް" އެ ފޮތުގައި ލިޔުއްވާފައި ވާތީ އޭނާގެ މައްޗަށް މައުމޫން ކުރައްވާ އަބުރުގެ ދައުވާއަށް ޝަފީގު މިއަދުވެސް ކޯޓަށް ހާޒިރުވެވަޑައެއް ނުގެންނެވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އަދީބު ވިދާޅުވީ ޝަފީގު ކުރިން ކޯޓަށް ހާޒިރުވެ ވަޑައި ނުގެންނެވުމުން ގޭގައި ޗިޓް ތަތްކޮށްފައިވާ ކަމަށެވެ. ޝަފީގަށް ޗިޓް ފޮނުވުމުން އުމުރުން ދުވަސްވެ ބަލިހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރުވެވަޑައިގެންނެވެން ނެތްކަމަށް އޭނާގެ ދަރިފުޅު ވިދާޅުވެފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބަދަލުގައި އެހެން މީހަކު ހަމަޖައްސަން އެންގުމުން ބަލިން ރަނގަޅުވުމުން ޝަފީގު ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ޝަފީގުގެ ބަލިހާލަތާ ގުޅޭ ޑޮކްޓަރު ދެއްވާފައިވާ ލިޔުމެއް ވެސް މައުމޫންގެ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) އާއި ހަވާލުކޮށްފަ އެވެ.
ޝަފީގު ކޯޓަށް ވަޑައިނުގެންނެވުމުން ވައްޑޭ ވަނީ ފުލުހުން މެދުވެރިކޮށް ޝަފީގު ކޯޓަށް ހާޒިރު ކޮށްދެއްވުމަށް އެެދިވަޑައިގެންފަ އެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އޭނާ ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންނަށް ކޯޓު އަމުރެއް ފޮނުވި ކަމަށާއި "އޭރުގެ ކަންތައް އޮތްގޮތް އެންމެނަށް އެނގޭ" ކަމަށް ގާޒީ ވަނީ މިއަދު ވިދާޅުވެފަ އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އަދިވެސް ޝަފީގު ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ފޮނުއްވާނެ ކަމަށެވެ.