ކޯޓެޑިއުއާގައި މިހާރު ކުރިއަަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލުން ނައިޖީރިއާ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ނައިޖީރިއާ ޖާގަހޯދާފައިވަނީ ސެމީފައިނަލްގައި ދެކުނު އެފްރިކާއާ ބައްދަލުކުރި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވުމުން ކުޅުނު އިތުރު ވަގުތުގައި ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖަހައިގެން ހަތަރު ލަނޑު ދެ ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު އެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗުގެ ފުރިހަމަ ވަގުތުގައި ދެޓީމުން ކާމިޔާބު ކުރި ދެ ލަނޑުވެސް މިމެޗުގައި ޖަހާފައިވަނީ ލިބުނު ދެ ޕެނަލްޓީ އިންނެވެ.

މިމެޗުގެ ފުރަތަަމަ ލަނޑު ޖަހައި މެޗިގެ ލީޑު ނަގައިފާވަނީ މެޗުގެ 67 ވަނަ މިނެޓްގައި ނައިޖީރިއާއެވެ. މިޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ ވިލިއަމް ޓްރޫސްޓް އެކޮންގްއެެވެ. އޭނާއަކީ 2019 ވަނަ އަހަރުގެ މުބާރާތުގެ ކްއާޓާ ފައިނަލްގައި ނައިޖީރިއާއިން ދެކުނު އެފްރިކާ ބަލިކުރި މެޗްގައި މޮޅުވި ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

މިމެޗުގައި ދެކުނު އެފްރިކާއަށް މެޗުގެ 90 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޓެބޯހޯ މޮކެއެނާއެވެ. ނަމަވެސް މިއީ ނައިޖީރިއާގެ ކުޅުންތެރިންނަށް މިމެޗުގައި އެންމެ ހިތްދަތިވި ވަގުތަށްވިއެވެ. ދެކުނު އެފްރިކާއަށް ޕެނަލްޓީ ދިނުމަށް ހިނގި ހާދިސާ ރެފްރީގެ ލޮލުގައި އަޅައިނުގަނެ، ނައިޖީރިއާގެ ކުޅުންތެރިން ދެވަނަ ލަނޑެއް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީއަށް ލަފާދިނުމާއެކު ރެފްރީވެސް ބެލުމަށްފަހު ނައިޖީރިއާގެ ލަނޑު ބަލައި ނުގަނެ ދިނީ ދެކުނު އެފްރިކާއަށް ޕެނަލްޓީއެކެވެ.

ޕެނަލްޓީ ޝޫޓް އައުޓްގައި ނައިޖީރިއާގެ ކީޕާ ސްޓޭންލީ އެންވަބާލީ ވަނީ ދެކުނު އެފްރިކާގެ ދެ ޕެނަލްޓީ މަތަކޮށްފައެވެ. އަދި ނައިޖީރިއާއަށް މޮޅުވި ޕެނަލްޓީ ކާމިޔާބު ކޮށްދީފައިވަނީ ކަލޭޗީ އިއަނާޗިއޯއެވެ.

އެންމެ ފަހުން 2013 ވަނަ އަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާ ނައިޖީރިއާއިން އާދިއްތަ ދުވަހުގެ ފައިނަލް މެޗަށް، ކޯޓެޑިއުއާއާ ދެކޮޅަށް ނުކުންނާނީ ހަތަރު ވަނަ ފަހަރަށް މިމުބާރާތް ކާމިޔާބު ކުރުމުގެ އަޒުމާއެކުއެވެ. މިމުބަރާތުގެ ގްރޫޕް މަރުހަލާގައި ނައިޖީރިއާއިން ކޯޓެޑިއުއާ އެއް ލަނޑު ސުންލަނޑުން ބަލިކުރިއެވެ. އެހެންކަމުން މިމެޗުގެ ފޯރި އިތުރަށް ގަދަވާނެކަމަށް ބެލެވެއެވެ.