ކޯޓެޑިއުއާގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލުން ކޯޓެޑިއުއާ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ކޯޓެޑިއުއާ ޖާގަހޯދައިފާވަނީ ސެމީފައިނަލްގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ބައްދަލުކުރި މެޗް އެއް ލަނޑު ސުންލަނޑުން ކާމިޔާބު ކޮށްގެންނެވެ. އަލަސާނޭ ކުއަޓާރާ ސްޓޭޑިއަމްގައި ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނުއިރު ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ކޯޓެޑިއުއާއިންނެވެ.

މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނު ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ހިފޭގޮތެއް ނުވިއެވެ. މިމެޗުގެ ހަމައެކަނި ލަނޑު ކޯޓެޑިއުއާއިން ޖަހައި ލީޑު ނެގީ މެޗުގެ 65 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ސެބަސްޓިއަން ހާލާއެވެ. މިމެޗުގައި އޭނާއަށް ވަނީ ކޯޓެޑިއުއާގެ ލީޑު ފުޅާކުރާނެ ފުރުސަތު ވެސް ލިބިފައެވެ. ނަމަވެސް މިމެޗުގައި މިނަތީޖާއަށް އިތުރު ބަދަލެއް ގެނެވޭގޮތެއްނުވިއެވެ.

މިކާމިޔާބީއާއެކު މިއަންނަ އާދިއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލްގެ ޖާގައެއް މިވަނީ ކޯޓެޑިއުއާއިން ކަށަވަރު ކޮށްފައެވެ. މިމުބާރާތުގެ ގްރޫޕް މަރްހަލާގައި ކޯޓެޑިއުއާއަށް ދެއްކިފައިވާ ދަށް ކުޅުމުގެ ސަބަބުން އެޓީމްގެ ކޯޗް ޖޮން ލުއި ގަސެޓްވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ވަގުތީ ގޮތުން އެޓީމް ވަނީ އެމާސް ފައޭ އާ ހަވާލުކޮށްފައެވެ.

ރައުންޑް އޮފް ސިކްސްޓީންގެ ބުރުގައި ސެނެގާލް އާއި ކުއާޓާ ފައިނަލްގައި މާލީ ކޮޅަށް، ފަހު ވަގުތު ޖެހި ލަނޑާއެކު މިހާހިސާބަށް ދަތުރު ކުރި ކޯޓެޑިއުއާއަށް މިވަނީ އަމިއްލަ ފަސްގަނޑުގައި އެފްކޮންގެ ތަށި ތިންވަނަ ފަހަރަށް އުފުލާލުމުގެ ފުރުސަތު ތަނަވަސްވެފައެވެ.