31 May 2012, 12:34
ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުން އެއް ވަނަ ހޯދުމަކީ ކުލަބާއި ސަޕޯޓަރުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ނިއުގެ މެނޭޖަރު އަންވަރު އަލީ ބުނެފި އެވެ.
ލީގުގައި މިއަދު ހަވީރު މާޒިޔާއާ ދެކޮޅަށް ނިކުތުމުގެ ކުރިން މެނޭޖަރު އަންވަރު ބުނީ، ނިއުގެ އަމާޒަކީ ލީގުގެ ފުރަތަމަ ބުރުގެ ވެސް އެއް ވަނަ ހޯދުން ކަމަށާއި އެގޮތުން މިހާރު ވެސް ނިއު އިން ވަނީ ލީގުގެ އެއްވަނަ ހޯދައިފަ އެވެ. އަދި މާޒިޔާއާ ދެކޮޅަށް ނިކުނައިރު ޓީމުގެ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދާއި މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ކަމުގައި ވިޔަސް، އެކުޅުންތެރިންގެ ބަދަލުގައި މިއަދުގެ މެޗަށް ނިކުންނާނީ އެތަން ފޫބައްދޭ ވަރުގެ ކުޅުންތެރިން ކަމަށެވެ.
މިއަދުގެ މެޗުގައި އިމްރާނަށް ނުކުޅެވެނީ އެންމެ ފަހުން ނިއު، ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އަށް ރެފްރީ ދެއްކި ރަތް ކާޑުގެ ސަބަބުން ސަސްޕެންޑްވެފައި ވާތީ އެވެ. އަދި އޮއްޕޮއަށް ވެސް ނުކުޅެވެނީ ދެ ކާޑު ހަމަވެ، މިއަދުގެ މެޗަށް ސަސްޕެންޑް ވެފައި ވާތީ އެވެ.
އަންވަރު ބުނީ، މިއަދުގެ މެޗަކީ ނިއުއަށް ވަރަށް މުހިންމު މެޗެއް ކަމަށާއި އެގޮތުން މެޗް ކާމިޔާބުކޮށް ތިން ޕޮއިންޓު ހޯދުން ނޫން އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި އިދިކޮޅަށް ނިކުންނަ މާޒިޔާއަކީ ބަލި ޓީމެއް ނޫން ކަމަށާއި އެ ޓީމްގައި ވެސް މޮޅެތި ކުޅުން ތެރިން ތިބުމަކީ ނިއުއިން ވިސްނަން ޖެހޭނެ ކަމެއް ކަމަށް އަންވަރު ބުންޏެވެ.
"މި ވަގުތު ތާވަލުގެ އެއް ވަނާގައި ނިއު އޮތަށް މެޗުން މޮޅުވެގެން އަހަރު މެންނަށް އެއް ވަނަ ކަށަވަރު ވާން އޮތީ. ލީގުގައި ދެ ވަނާގައި އޮތް ވިކްޓަރީއަށް ވެސް ފުރަތަމަ ބުރުގައި އަދި އެއް މެޗް ކުޅެން އޮތް އިރު އެޓީމް ވެސް ވަނީ އަހަރުމެންނާ ވަރަށް ކައިރިކާރީގައި. އެހެންވެ މާޒިޔާ މެޗުގެ ތިން ޕޮއިންޓު ނިއުއަށް މިއަދު ވަރަށް މުހިންމު ވާނެ." އަންވަރު ބުންޏެވެ.
މާޒިޔާއާ ދެކޮޅަށް ނިއު މިއަދު ނިކުންނަ އިރު، ލީގުގެ ފުރަތަމަ ބުރުގައި އެ ޓީމް ކުޅުނު ހަ މެޗުގެ ތެރެއިން އެއް ވަނާގައި އަދި އޮތީ 14 ޕޮއިންޓާ އެކު އެވެ. އަދި ދެ ވަނާގައި ނިއުއާ އެންމެ ކާރިން ވާދަކުރަނީ ފުރަތަމަ ބުރުގައި އަދި ބާކީ އެއް މެޗެ އޮތް ވިކްޓަރީ އެވެ. އެގޮތުން ވިކްޓަރީ ލީގުގެ ދެ ވަނާގައި އޮތީ 13 ޕޮއިންޓާ އެކު އެވެ.
ނިއުއާ ދެކޮޅަށް ނިކުތުމުގެ ކުރިން މާޒިޔާގެ ކޯޗް އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ، ނިއުގެ މުހިންމު ކުޅުންތެރިންތަކަކަށް މިއަދުގެ މެޗުގައި ނުކުޅެވުނު ކަމުގައި ވިޔަސް، މާޒިޔާ އިން ކުރަމުންއަންނަ އުންމީދަށް ބަދަލެއް ނާން ނާނެ ކަމަށާއި ނިއުގެ ނުރައްކާތަކަށް މާޒިޔާ އިން ވެސް ހާއްސަ ސަމާލް ކަމެއް މިއަދުގެ މެޗުގައި ދޭނެ ކަަމަށެވެ . އަދި ނިއުއާ ދެކޮޅަށް ނިކުނައިރު ޓީމުގެ މުހިންމު ކުޅުންތެރިޔާ ހުސެއިން ނިޔާޒް (ބޮކުރީ) އަށް މިއަދުގެ މެޗުގައި ނުކުޅެވުނަސް، ބަދަލުގާ އަރާ ކުޅުންތެރިޔާ ލައިގެން ވެސް ނިއު އަތުން މޮޅުވުމަށް މާޒިޔާ އިން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް އިންމަ ބުންޏެވެ.
"ނިއުގެ އެޓޭކިން ވަރަށް ވަރުގަދަ. އެކަމަކު އަހަރުމެން އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނަން. މާޒިޔާއަށް ވެސް މިއަދު ނިއު ބަލިކުރުން ވަރަށް މުހިންމު. އެޓީމުގައި ރާއްޖޭގެ މޮޅެތި ކުޅުންތެރިން ތިބި ނަމަވެސް މާޒިޔާއިން އެކަމަށް މާކަބޮޑު ހައިރާނެއް ނުވާނެ. ދަގަނޑޭ އާއި ޓޮމް އަދި އަލީ އުމަރަކީ ވެސް މޮޅެތި ކުޅުންތެރިން. އެކުޅުންތެރިން ކާރީގައި މާޒިޔާގެ ކުޅުންތެރިން ނަށް ވެސް ކުޅެވޭނެ. މާޒިޔާގައި ވެސް ތިބީ ހިތްވަރު ކުރާ މޮޅެތި ކުޅުންތެރިން" އިންމަ ބުންޏެވެ.
ނިއުއާ ދެކޮޅަށް މާޒިޔާ މިއަދު ނިކުންނައިރު އެ ޓީމް އޮތީ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ހަ މެޗުން ލިބިފައިވާ 10 ޕޮއިންޓާ އެކު ތާވަލްގެ ހަތަރު ވަނައިގަ އެވެ. އަދި މިއަދުގެ މެޗުން މާޒިޔާ މޮޅުވެއްޖެ ނަމަ އެ ޓީމަށް ފުރަތަމަ ބުރުގެ ގަދަ ހަތަރެއް ކަށަވަރު ވާނައެވެ.