31 May 2012, 12:29
އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ސޮލަވާކިޔާއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗް ނެދަލެންޑްސް އިން ކާމިޔާބު ކޮށްފި އެވެ. އެމެޗް ނެދަލެންޑްސް އިން ކާމިޔާބުކުރީ 2-0 ލަނޑުން ނެވެ.
ރޭގެ މެޗުގައި ސްލަވާކިޔާ ކޮޅަށް ނެދަލެންޑްސް އިން ޖެހި އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ އަށް ވަނަ މިނެޓުގައި ސޮލަވާކިޔާގެ ގޯލަށް ވަނީ އެ ޓީމުގެ ޑިފެންޑަރު ކޮރެނަލް ސަލްޓާ އަތުން ބައިކޮޅަށެވެ. އަދި މެޗުގައި ނެދަލެންޑުން ޖެހީ އެ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 75 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ރަފޭލް ވާން ޑާ ވާޓް އެވެ.
މިފަހަރުގެ ޔޫރޯގައި ނެދަލެންޑްސް ހިމެނެނީ ގްރޫޕް ބީ ފަޅީގަ އެވެ. އަދި މި ފަޅީގައި ނެދަލެންޑްސްއާ އެކު ދެން ހިމެނޭ ޓީމްތަކަކީ ޑެންމާކާއި ޖަރުމަން އަދި ޕޯޗުގަލް އެވެ.
މިފަރުގެ މުބާރާތާ ނެދަލެންޑުން ކުރިމަތިލާ އިރު، އެ ގައުމު ވަނީ މިމުބާރާތުގެ ތަށި 1988 ވަނަ އަހަރު ކާމިޔާބު ކޮށްފަ އެވެ. އެ ފަރު ނެދަލެންޑުން ތަށި ކާމިޔާބު ކުރީ ޔޫއެސްއެސްއާރާ ބައްދަލުކޮށް 2-0 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މީގެއިތުރުން ރޭ ކުޅުނު އެކުވެރި ކަމުގެ އެހެން މެޗްތަކަށް ބަލާ އިރު، ސްޕެއިން ވަނީ ދެކުނު ކޮރިޔާ އަތުން 4-1 ލަނޑުން މޮޅުވެފަ އެވެ. އަދި ސްވިޑަން ވަނީ އައިސްލެންޑާ ކުޅެ 3- 2 ލަނޑުން މޮޅުވެފަ އެވެ.