08 Feb 2024, 10:30
ރާއްޖޭގެ އެންމެ މަގުބޫލު ހޮސްޕިޓާލިޓީ ޕަބްލިކޭޝަން، 'ހޮޓެލިއާ މޯލްޑިވްސް' އިން އިންތިޒާމުކޮށްގެން ބާއްވާ 'ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2024' އަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ބަންދުކުރިއިރު އެ އެވޯޑަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ހޮޓެލިއާ މޯލްޑިވްސްއިން ބުނިގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފުރިހަމަ ހިދުމަތް ދޭ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި އަހަރު އަލަށް ދޭ މި އެވޯޑަށް 24 ކެޓަގަރީއަކުން 350 އަށް ވުރެ ގިނަ ހުށަހެޅުން ލިބިފައިވާ ކަމަށެވެ.
އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތް ކުރާ ވަރަށް ގިނަ ފަރާތްތަކުން ވަނީ ޝައުގުވެރިކަމާ އެކު މި އެވޯޑަށް ގިނަ ހިދުމަތްތެރިންގެ ނަން ހުށަހަޅައިފައި ކަމަށް ހޮޓެލިއާއިން ބުނެއެވެ.

ހޮޓެލިއާ މޯލްޑިވްސްގެ މެނޭޖިން އެޑިޓަރު އިބްރާހިމް މަހުދީ ވިދާޅުވިގޮތުގައި މި އެވޯޑަށް ލިބެމުން އަންނަ ބޮޑު ތަރުހީބުން ދައްކުވައިދެނީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް، ފަތުރުވެރިކަމުގެ ދާއިރާގައި ހުނަރުވެރިން ގިނަކަމާއި ހިދުމަތްތެރިންގެ މުހިންމުކަމެވެ.
"އެ ދާއިރާއަށް ހިދުމަތްކުރުމުގައި އެފަދަ ހުނަރުވެރިންގެ އޮތް ބޮޑު ޝައުގުވެރިކަން. މިހާ ގިނަ ހިދުމަތްތެރިންގެ ފާހަގަކޮށްލެވޭ ހިދުމަތްތަކުގެ އަގުވަޒަން ކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އިބްރާހިމް ވިދާޅުވިއެވެ.
މި އެވޯޑްސްގެ ނޮމިނޭޝަންތަކަށް ހުޅުވާލީ މިދިޔަ މަހުގެ ދެ އަކުން 31ގެ ނިޔަލަށެވެ.
ހޮޓެލިއާއިން ބުނިގޮތުގައި މި އެވޯޑަށް ލިބުނު ހުށަހެޅުންތައް ޓޫރިޒަމް ދާއިރާގެ ފަންނީ ބޭފުޅުންގެ ޓީމަކުން ވަރަށް ރަނގަޅަށް އިވެލުއޭޓްކުރާނެއެވެ. އެގޮތުން ހުށަހެޅުންތައް އިވެލުއޭޓް ކުރުމުގައި ބަލާނީ އެ މީހުންގެ ހިދުމަތާއި ހޯދާފައިވާ ކާމިޔާބީތަކާއި ކަސްޓަމަރުންގެ ފީޑްބެކް އަދި އިޖުތިމާއީ ޒިންމާ އަދާކޮށްފައިވާ މިންވަރަށް ކަމަށް އެ ނޫހުން ބުންޏެވެ. އެވޯޑް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އާންމުންގެ ވޯޓު ވެސް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ހިޓެލިއާއިން ބުނެއެވެ.
އެވޯޑަށް ނޮމިނޭޓުވާ ފަރާތްތައް މި ފެބުރުއަރީ މަހުގެ ފަހުކޮޅު އިއުލާން ކުރާނެއެވެ. އަދި 'ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2024' ލިބޭ ފަރާތްތައް އިއުލާންކޮށް އެވޯޑް ދިނުމުގެ ހަފުލާ ބާއްވާނީ އެޕްރީލް 25ގައި އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓުގައި ބާއްވާ، ގުލަގަދަ ގާލާ ނައިޓުގައެވެ.
މި އެވޯޑު ދޭ ދާއިރާތަކަކީ
ހައުސް ކީޕިން
- އިންޖިނިއަރިން
- ފުޑް އެންޑް ބެވަރޭޖް
- ސްޕާ އެންޑް ވެލްނެސް
- ސޭލްސް އެންޑް މާކެޓިން
ހޮޓެލިއާއިން ބުނިގޮތުގައި މިފަދަ އެވޯޑެއް ދިނުމުގެ މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ ބަޔަކީ އެ ދާއިރާގައި ހިދުމަތް ކުރަން ތިބޭ މުވައްޒަފުން ކަމަށް ވާއިރު، އެ މުވައްޒަފުންގެ އަގު ވަޒަން ކުރުމަކީ މުހިއްމު ކަމެއް ކަމަށް ވާތީއެވެ. މިއީ އެ މުވައްޒަފުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ވަޒީފާގައި ކުރިއަށްދާން ލިބޭ ހިތްވަރަކަށް ވާނެ ކަމަށް އެ ނޫހުން ބުންޏެވެ.