31 May 2012, 12:26
ގަވާއިދާއި ޚިލާފަށް އިތުރު ގަޑީގެ ފައިސާ ހޯދަން އުޅުއްވި ކަމުގެ ތުހުމަތުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ހިންނަ ޚާލިދު (ހިންނަ) ގެ މައްޗަށް ދައުލަތުން އުފުލާ މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ ނާޖާއިޒު ފައިދާ ހޯދަން އުޅުއްވި މައްސަލައިގެ ދައުވާގެ ޝަރީއަތުގައި ހިންނަ އިންކާރުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު ފަޒުނާ އަހުމަދު ދައުވާ ހުށަހެޅުމުން ހިންނަ ވިދާޅުވީ ދައުވާއަށް އިންކާރު ކުރައްވާ ކަމަށާއި މައްސަލަ ކުރިއަށް ގެންދަން ބޭނުންފުޅުވަނީ ގާނޫނީ ވަކީލަކާއެކު ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ސައީދު އިބްރާހިމް މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަކީލަކު އައްޔަން ކުރެއްވުމަށް 10 ދުވަހުގެ ފުރުސަތެއް ހިންނައަށް ދެއްވުމަށް ފަހު އެވެ. ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ވަކީލަކު އައްޔަން ނުކުރެއްވިނަމަވެސް ދައުވާއަށް ހިންނަ ޖަވާބުދާރީ ވާންޖެހޭނެ ކަމަށެވެ.
ދައުވާ ހުށަހަޅުއްވަމުން ފަޒުނާ ވިދާޅުވީ ކުރީގެ މާލޭ މުނިސިޕަލްޓީގެ ޒިންމާދާރު ވެރިޔާގެ މަގާމުގައި ހުންނަވައި 2010 ޖުލައި މަހު އައިޖީއެމްއެޗް ހޮސްޕިޓަލްގައި ހިންނަ އެޑްމިޓްކޮށްފައިވަނިކޮށް އިތުރުގަޑީގެ ހާޒިރީ ހޮސްޕިޓަލަށް ގެންގޮސް 2009 ޖުލައި މަހުން ފެށިގެން 2010 ގެ ޖުލައި މަހާ ދޭތެރޭ އިތުރު ގަޑީގެ މަސައްކަތް ކުރެއްވެވި ކަމަށް އެކީ އެއްފަހަރާ ލިޔެ ސޮއިކުރައްވާފައިވާ ކަމަށެވެ.
އެހެންކަމުން ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާއެއް ހޯދަން އުޅުއްވުމުގެ ދައުވާ ހިންނަގެ މައްޗަށް ކުރާ ކަމަށެވެ.
އެ ގާނޫނުގެ 23 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ގާނޫނުގައި ބުނެފައިވާ ކުށެއް ކުރަން އުޅުނު މީހަކު އެކުށެއް ކުރި މީހަކާ އެއްފަދައިން ކުށްވެރިވާނެ ކަމަށެވެ. އަދި އެމީހެއްގެ މައްޗަށް ކަނޑައަޅާނީ އެކުށް ކުރި މީހެއްގެ މައްޗަށް ދިނުމަށް އެ ގާނޫނުގައި ބުނެފައިވާ އަދަބު ކަމަށް ވެސް އެ މާއްދާގައި ވެއެވެ.
އެގާނޫނުގެ 12 ވަނަ މާއްދާގެ (ށ) ގައި ބުނަނީ ސަރުކާރުގެ މުވައްޒަފަކު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި ހޯދައިދީފިނަމަ އެ މީހެއްގެ އަދަބަކީ ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނޫންނަމަ ގޭބަންދު ކުރުން ކަމަށެވެ.