މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން, ތުރުކީގައި ބާއްވާ އީސްޓް މެޑިޓެރޭނިއަން އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން އެމިޓް 2024ގައި ބައިވެރިވެ ރާއްޖެ އިޝްތިހާރުކުރަން ފަށައިފިއެވެ.

އިއްޔެ ފަށާފައިވާ އެ އިވެންޓް ކުރިއަށް ގެންދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އިސްތަންބޫލްގެ ޓޫޔާޕް ފެއާ އެންޑް ކޮންގްރެސް ސެންޓަރުގައެވެ.

މި ފެއާއަކީ އީސްޓް މެޑިޓެރޭނިއަން ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އެއް ޓްރެވަލް ޓްރޭޑް ޝޯ ކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނީ މި ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 12 ކުންފުންޔަކުން 19 މަންދޫބުން ބައިވެރިވެ އެފަރާތްތަކުގެ ޚިދުމަތްތަކާއި އުފެއްދުންތައް ހުށަހަޅަމުންދާ ކަމަށެވެ.

އެމްއެމްޕިއާރުސީން ބުނީ މި ފެއާ މެދުވެރިކޮށް އީސްޓް މެޑިޓެރޭނިއަން ސަރަހައްދުގައި އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ބްރޭންޑް ޕްރޮމޯޓް ކުރެވޭ ކަމަށެވެ.

އެގޮތުން، މި ހަރަކާތުގައި ބައިވެރިވުމުން އެމްއެމްޕީއާރުސީގެ މާކެޓިން ކުރިއަރައި، ރާއްޖޭގެ އުފެއްދުންތައް ޕްރޮމޯޓްކޮށް އައު މާކެޓްތައް ހޯދުމަށް އިތުރު ފުރުސަތުތަކެއް ލިބޭކަމަށެވެ.

މީގެއިތުރުން، އެމްއެމްޕީއާރުސީއިން ބުނީ މި ފެއާ މެދުވެރިކޮށް އެކި އެޖެންޓުންނާ ގުޅިގެން ރާއްޖޭގެ ކަންކަމާ ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތު ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ތުރުކީގެ މާކެޓަކީ ރާއްޖެއަށް ފުރުސަތު އޮތް މާކެޓެއް ކަމަށާއި އެ ގައުމަށް ދަތުރުތައް އިތުރުކުރުމުން މާކެޓް އިތުރަށް ރަނގަޅުވެ، ފަތުރުވެރިން އިތުރުވާ ކަަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.

މިދިޔަ އަހަރު ރާއްޖެއަށް 24 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ ތުރްކީންނެވެ. އެގޮތުން މިދިޔަ އަހަރު އެގައުމުން 12,856 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީއިން ބުނެއެވެ.

އެމްއެމްޕީއާރުސީއިން ބުނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ޑިސެމްބަރު މަހު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ.

އެގޮތުން، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ތުރުކީ މާކެޓުން
ފަތުރުވެރިން އައުމަށް އިތުރަށް މަގުފަހިކޮށްދިނުމުގެގޮތުން ދެ ގައުމުގެ ދޭތެރޭގައި ފްލައިޓް ކަނެކްޓިވިޓީ އިތުރަށް ރަނގަޅު ކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސިއިން ބުނެއެވެ.