31 May 2012, 12:25
ވީބީ އައްޑޫ އެފްސީއަކީ ބަލި ޓީމެއް ނޫން ކަމާށާއި އެ ޓީމާ ދެކޮޅަށް މާދަމާ ހަވީރު ނުކުންނާނީ މޮޅެއް ހޯދުމުގެ އުންމީދުގައި ކަމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މެނޭޖަރު އަހުމަދު އަޔާޒް (އަޔާ) ބުނެފި އެވެ.
ސަންއޮންލައިނާ ވާހަކަ ދައްކަމުން އަޔާ ބުނީ، ކަންތައްތައް ދިމާވި ގޮތުން ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ވީބީ އަށް ނުލިބުނު ނަމަވެސް، އެ ޓީމަކީ ވަރަށް ބެލެންސް ޓީމެއް ކަމަށެވެ. އަދި މަދަމާ ހަވީރު ވީބީއާ ދެކޮޅަށް ނިކުންނާނީ ތިން ޕޮއިންޓު ހޯދާ ލީގުގެ ފުރަތަމަ ބުރުން ރަނގަޅު ވަނައެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ.
"ވީބީއާ ދެކޮޅަށް ނިކުންނަ އިރު ޓީމުގައި މާ ބޮޑު އަނިޔާގެ މައްސަލަތަކެއް ނެތް. ހަމައެކަނި ނުކުޅެވޭނީ ސިނާއަށް. ދެންތިބި ކުޅުންތެރިން ތިބީ ފިޓްކޮށް. ވިކްޓަރީން ބޭނުން ވަނީ ވީބީ އަތުން ތިން ޕޮއިންޓު ހޯދުން. އެކަން ކުރުމަށް ވިކްޓަރީ އޮތީ ވަރަށް ފުރިހަމައަށް ތައްޔާރަށް." އަޔާ ބުންޏެވެ.
ވިކްޓަރީއާ ދެކޮޅަށް ނިކުތުމުގެ ކުރިން އެފްއޭއެމް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވިބީގެ ކޯޗް ޖޭން ވަންލީ ބުނީ، މިފަހަރުގެ ލީގުގައި ވާދަކުރާ މޮޅެތި ޓީމްތަކުގެ ތެރޭގައި ވެސް ވިކްޓަރީ އަކީ މޮޅު ޓީމެއް ކަމަށާއި އެހެން ކަމުން މާދަމާގެ މެޗަށް ނިކުންނާނީ ވެސް މޮޅެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ.
މާދަމާގެ މެޗަށް ވިކްޓަރީ ނިކުންނައިރު އެޓީމް އޮތީ 13 ޕޮއިންޓާއެކު ދެ ވަނައިގައެވެ. އަދި ވީބީ އޮތީ ހަ ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.