ޕެރިސް (މޭ 31): ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުމަށްޓަކައި އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރެއްގެ ދަށުން އެޤައުމަށް ޢަސްކަރީ ގޮތުން ވަންނަން ބައިނަލްއަޤްވާމީ މުޖްތަމަޢަށް ޖެހިދާނެ ކަމަށް ވިދާޅުވެ ފަރަންސޭސި އައުރައީސް ފްރާންސްވާ އޮލާންޑޭ ވާހަކަ ދައްކަވައިފި އެވެ.

ޓީވީ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އޮލާންޑޭ ވިދާޅުވީ ސޫރިޔާގައި ޤަތްލުޢާންމުތައް ހިންގައި މީހުން ކަތިލަމުންދާތަން ބަލަން ބައިނަލްއަޤްވާމީ މުޖްތަމަޢަށް ނޯވެވޭނެ ކަމުގަ އެވެ. ނަމަވެސް ސޫރިޔާ އަށް ބޭރުގެ ޢަސްކަރީ ބާރެއްވަންނަން ޖެހޭނީ އެ ޤައުމުގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވައި ރައްޔިތުންނަށް ރައްކާތެރިކަމާއި ޙިމާޔަތް ހޯދައިދިނުމަށްޓަކައި އދ.ގެ އިމުގެ ތެރެއިން ކަމަށް އޮލާންޑޭ ވިދާޅުވި އެވެ. މިދިޔަ ހުކުރު ދުވަހު ސޫރިޔާގައި ހިންގާފައިވާ ޤަތްލުއާންމުގެ ފަހަތުގައިވާ ކަމަށް ހުޅަނގުގެ ޤައުމުތަކުން ތުހުމަތުކުރަނީ ސޫރިޔާ ސަރުކާރަށް ވާގިވެރިވާ ޝައްބީޙާ މިލީޝިޔާ ބާރުތަކުގެ މައްޗަށެވެ.

އެ ޤަތްލުޢާންމުގައި108 މީހުން މަރާލާފައިވާ އިރު މީގެތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެ. މިޤަތްލުއާންމަށް ފަހު ހުޅަނގުގެ ބާރުތަކުން ވަނީ ސޫރިޔާ ސަރުކާރާ ދެކޮޅަށް ހިންގާ މީޑިޔާ ޕްރޮޕަގެންޑާތައް އިތުރަށް ވަރުގަދަކޮށް މީޑިޔާގެ ހަނގުރާމައިގާ ރައީސް ބައްޝާރުލް އަސަދްގެ ނިޒާމް އިތުރަށް ބަލިކޮށްފަ އެވެ.
އޮލާންޑޭ މިމޭރުމުން ވާހަކަ ދެއްކެވިތާ އިރުކޮޅެއްގެ ތެރޭގައި ރަޝިޔާއިން ވަނީ ސޫރިޔާއާ ދެކޮޅަށް ޢަސްކަރީ ބާރުގެ ބޭނުންކުރުމުގެ ފުރްސަތު ނުދޭނެކަމަށް ބުުނެ މިކަމާ ބެހޭ ޤަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްނުކުރެވޭނެކަން ހާމަކޮށްފަ އެވެ. ރޮއިޓާސް އަށް ދެއްވި ބަސްދީގަތުމެއްގައި ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު ގިނާދީ ގެތިލޯވް ވިދާޅުވީ ސޫރިޔާއާ މެދު ރަޝިޔާ ގެންގުޅޭ ސިޔާސަތު ބަދަލުނުވާކަމުގަ އެވެ. އަދި ބާރުގެބޭނުންކޮށްގެން ސޫރިޔާގެ ކަންތައްތައް ޙައްލުނުކުރެވޭނެކަން ޢިރާޤާއި އަފްޣާނިސްތާނުގައި ހުޅަނގުންކުރި ތަޖްރިބާއިން ހާމަވެފައިވާ ކަމަށް ވެސް ގެތިލޯވް ވިދާޅުވި އެވެ.

ސޫރިއާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ފަރަންސޭސި އައުރައީސް ދެއްވުމާ އެކު އެމެރިކާއިންވެސް ވަނީ ސޫރިޔާއާ މެދު އެހެން ސިނާރިއޯއެއް ގެންގުޅެންޖެހިދާނެ ކަމުގެ އިންޒާރުދީފަ އެވެ. ނަމަވެސް ޗައިނާއާއި ރަޝިޔާގެ ވީޓޯގެ ކުރިމަތީގައި އެމެރިކާއާއި ޔޫރަޕްގެ ބާރުތަކަށް ސަލާމަތީމަޖިލީހުގައި ކުރެވޭނެ މާބޮޑުކަމެއްނެތްކަމަށް މުރާސިލުންބުނެއެވެ. ސޫރިޔާގެ މައްސަލާގައި ހުޅަނގާ ދެކޮޅަށް ރަޝިޔާއާއި ޗައިނާއިން ވަނީ ދެފަހަރެއްގެ މަތިން ވީޓޯގެ ބާރުގެ ބޭނުންކުރުމުން ހުޅަނގަށްވަނީ ސިހުން ލިބިފަ އެވެ.

ސޫރިޔާގެ މައްސަލައާގުޅިގެން ޗައިނާއާއި ރަޝިޔާގެ ވީޓޯގެ ކުރިމަތީގައި ކުޑަކަކޫޖަހަން އެމެރިކާއަށް ޖެހިފައިވުމަކީ އެމެރިކާގެ ބާރާއި ނުފޫޒު ބައިނަލްއަޤްވާމީ ދުނިޔޭގައި ކުޑަވެފައިވާ މިންވަރު ހާމަވެގެންދާ ކަމަށާ ހުޅަނގުން މިފަދަ އިންޒާރެއް ދިންނަމަވެސް ސޫރިޔާ އަށް ޢަސްކަރީގޮތުން ވަދެގަންނަން ހުޅަނގަށް ނުކެރޭނެ ކަމަށް މުޙައްލިލުން ދެކެއެވެ.
ސޫރިޔާގެ މައްސަލާގައި ހުޅަނގަށް ދޫނުދީ ރަޝިޔާއިން ރައީސް ބައްޝާރުލްއަސަދްގެ ނިޒާމް ޙިމާޔަތްކުރަނީ ކުރިން ރަޝިޔާގެ ނުފޫޒުއޮތް ޢިރާޤާއި ލީބިޔާފަދަ ޤައުމުތަކަށް އެމެރިކާވަދެގަތުމުގެ ސަބަބުން އެޤައުމުތައް ރަޝިޔާގެ އަތްދަށުން ގޮސްފައިވާތީ ކަމަށް ސްޓްރެޓީޖިކް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. (ރޮއިޓާސް)