07 Feb 2024, 16:53
އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި ފީނިކްސް ސަންސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރި މެޗު ސަންސް ކާމިޔާބު ކޮށްފިއެވެ.
ފީނިކްސްގެ ފުޓްޕްރިންޓް ސެންޓާގައި ކުޅުނު މިމެޗް ސަންސް އިން ކާމިޔާބު ކޮށްފައިވަނީ 114 ޕޮއިންޓް 106 ޕޮއިންޓުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗްގައި ތަފާތަކަށް ފެނިގެންދިޔައީ ސަންސްގެ ތަޖްރިބާކާރު ފޯވަޑް ކެވިން ޑުރާންޓްއެވެ.
އުމުރުން 35 އަހަރުގެ ޑުރާންޓްވަނީ މިމެޗްގައި ބަކްސްގެ ޑިފެންސް ފޫއަޅުވާލުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިމެޗްގައި ޑުރާންޓްވަނީ ސަންސްއަށް 28 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ އެއް އެސިސްޓް ކޮށްފައެވެ. މީގެއިތުރުން ޑެވިން ބޫކާވަނީ މިމެޗްގައި 32 ޕޮއިންޓް ސަންސްއަށް ހޯދައިދީފައެވެ. މިމެޗްގައި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 34 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ޖިއާނިސް އެންޓެޓޮކޮއުމްޕޯއެވެ.
މިމުބާރާތުގައި ނިއުޔޯކް ނިކްސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރި މެޗު 123 ޕޮއިންޓް 113 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ނިކްސްއެވެ. މިމެޗްގައި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ޑޮންޓޭ ޑިވިންސެންޒޯއެވެ. އަދި ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ފަސް އެސިސްޓް ދިން ވިންސް ވިލިއަމްސް ޖޫނިއާއެވެ.
މީގެއިތުރުން އިންޑިއާނާ ޕޭސާސް އާއި ހިއުސްޓަން ރޮކެޓްސް ބައްދަލުކުރި މެޗު 132 ޕޮއިންޓް 129 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ޕޭސާސްއެވެ. މިމެޗްގައި ޕޭސާސްގެ ޕަސްކަލް ސިއަކަމްވަނީ 29 ޕޮއިންޓް ހޯދައިދީ ހަތަރު ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ކޮށްފައެވެ. އަދި ރޮކެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން އަލްޕެރެން ސެންގުންއެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު މައޭމީ ހީޓް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރި މެޗު 121 ޕޮއިންޓް 95 ޕޮއިންޓުން ހީޓް ކާމިޔާބު ކުރިއިރު ޑެލަސް މެވްރިކްސް އާއި ބްރޫކްލިން ނެޓްސް ބައްދަލުކުރި މެޗު 119 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބު ކުރީ މެވްރިކްސްއެވެ.
ޝިކާގޯ ބުލްސް އާއި މިނެސޯޓާ ޓިމްބާވުލްވްސް ބައްދަލުކުރި މެޗު އޮވާ ޓައިމް ކުޅެ 129 ޕޮއިންޓް 123 ޕޮއިންޓުން ކާމިޔާބު ކުރީ ބުލްސްއެވެ. އަދި ޔޫޓާ ޖޭޒް އާއި އޮކްލޮހޯމާ ސިޓީ ތަންޑާ ބައްދަލު ކުރި މެޗު 124 ޕޮއިންޓް 117 ޕޮއިންޓުން ކާމިޔާބު ކުރީ ޖޭޒްއެވެ.