ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހު، އެގޮތަށް ފާސްކުރަން އެ މައްސަލަ ދިރާސާކުރަން އެކުލަވައިލި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އެމްޑީޕީން ހުށަހެޅި ގޮތަށް ރޯދަ މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފައެވެ. އެ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ 'ސަން'އަށް ވިދާޅުވީ، އެގޮތަށް ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދަ މަސް ނިންމައި، 10 ދުވަހު މަޑުނުކޮށް ބާއްވަން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ކޮމިޓީގައި އެދުނު ނަމަވެސް މިއަދު އެ ކޮމިޓީއަށް ލިޔުމުން ހުށަހެޅި ޖަވާބުގައި އެފަދައިން އެދިފައިނުވާ ކަމަށެވެ.

އަދި، އިންތިޚާބުގެ ތާރީޚާ ގުޅޭ ގޮތުން ބިލަށް ބަދަލެއް ގެންނަން އީސީން ހުށަހަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިމްތިޔާޒު ވިދާޅުވީ، އީސީން ބޭނުންވި ގޮތަށް ބައެއް ބަދަލުތައް ބިލަށް ގެންނަން ކޮމިޓީން ނިންމި ކަމަށެވެ. އެކަމަކު، މައިގަނޑު ގޮތެއްގައި ބިލު ފާސްކޮށްފައިވަނީ ފުރަތަމަ މަރުހަލާގައި އެމްޑީޕީން ހުށަހެޅި ގޮތަށް ކަމަށެވެ.

އެހެންވެ، މިއަދު ކޮމިޓީގެ އިއްތިފާގުން ވަނީ ރޯދަ މަހަށް ފަހު، 10 ދުވަސް ފަހުން އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ފާސްކޮށްފައެވެ.

މި މައްސަލަ ދިމާވީ، މި އަހަރު ބާއްްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މި އަހަރުގެ ރޯދަ މަހާ ދިމާވާތީއެވެ. އިންތިޚާބު ބާއްވަން އީސީން އިއުލާނުކޮށްފައިވަނީ މާޗު މަހުގެ 17 އެވެ. އެއީ، ރޯދަ މަހުގެ ފުރަތަމަ ހަފުތާއެވެ.

އެހެންވެ، އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން އިންތިޚާބުތައް ބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މެންބަރުން އެ ބިލަށް ތާއީދެއް ނުކުރެއެވެ.