07 Feb 2024, 15:00
ޤަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ އުރުދުން އިން ކަށަވަރުކޮށްފިއެވެ.
މި މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް އުރުދުން ޖާގަ ހޯދައިފައި ވަނީ ސެމީފައިނަލްގައި އޭޝިއާގެ ގަދަ ބާރެއް ކަމަށްވާ ދެކުނު ކޮރެއާ އާއި ބައްދަލުކޮށް ދެ ލަނޑު ސުން ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މި މެޗުގައި ގިނައިރު ކޮރެއާއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ އުރުދުންއިންނެވެ. މި މެޗުގައި ކޮރެއާގެ ޑިފެންސްގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ކިމް މިން ޖެއި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުމުން އޭނާ ނެތްތަން ވަރަށް ބޮޑަށް ދެއްކިއެވެ. ހާއްސަކޮށް އުރުދުންގެ ހަލުވި ކުޅުންތެރިން ކުރިއަށް އަރައިގެން އަންނަ ވަގުތު ކޮރެއާ ހާސް ކަމުގެ ތެރެއަށް ވެއްޓެމުންދިޔަ ތަން ފެނިގެންދިޔައެވެ.
މި މެޗުގައި ކޮރެއާގެ ކެޕްޓަން ސޮން ހިއުން މިން ލަނޑެއް ކާމިޔާބު ކުރި ނަމަވެސް އެ ލަނޑު ވަނީ އޮފް ސައިޑް ކަމަށް ދައްކާފައެވެ. އަދި މެޗުގެ 29 ވަނަ މިނެޓްގައި ކޮރެއާއަށް ޕެނަލްޓީ ލިބުނު ކަމަށް ރެފްރީ ދެއްކި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެ ހާދިސާގައި އުރުދުންގެ ޔަޒާން އަން އަރަބްއަށް ފައުލް ކޮށްފައިވަނީ ކޮރެއާގެ ސެލް ޔަންގް ވޫ ކަމުން ރެފްރީގެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު އުރުދުން އިން ނަގާފައިވަނީ މެޗުގެ 53 ވަނަ މިނެޓްގައި ޔަޒާން އަލް ނައިމަތު ޖަހާދިން ލަނޑުންނެވެ. މި ލަނޑާއެކު ކޮރެއާ ޓީމަށް ސިހުން ލިބިގެންދިޔައިރު އުރުދުންނަށް ހިތްވަރު އިތުރު ވެގެންދިޔައެވެ. ނަތީޖާ އަކަށްވެގެންދިޔައީ މެޗުގެ 66 ވަނަ މިނެޓްގައި މޫސާ އަލް ތަމާރީ ޖަހާދިން ލަނޑުން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ.
މި މެޗުގައި ކޮރެއާއިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން އެ ޓީމަށް ކާމިޔަބު ވާގޮތެއް ނުވިއެވެ. އަދި މި ނާކާމިޔާބީއާއެކު ދެކުނު ކޮރެއާގެ ކޯޗު ޔާގެން ކްލިސްމަންއަށް އޮތް ޕްރެޝަރު ވެސް އިތުރު ވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ. ދެ ފަހަރެއްގެ މަތިން އޭޝިއަން ކަޕް ކާމިޔާބު ކޮށްފައިވާ ކޮރެއާއަށް އެންމެ ފަހުން މި މުބާރާތް ކާމިޔާބު ކުރެވިފައިވަނީ 1960 ވަނަ އަހަރުއެވެ.
މި މުބާރާތުގެ ފައިނަލްގައި އުރުދުން ބައްދަލުކުރާނީ ޤަތަރާއި އިރާންގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި އަންނަ ހޮނިހިރު ދުވަހުއެވެ.