ފަހަކަށް އައިސް ރާއްޖޭގައި މީހުން މަރާ މިންވަރު އިތުރުވަމުން ފާހަގަކޮށް މަރަށް މަރު ހިފުމުގެ ހުކުމް ތަންފީޒު ކުރަން ސަލަފު ޖަމިއްޔާއިން ގޮވާލައިފި އެވެ.

ހއ. ހޯރަފުށީ ނޫރާނީގޭ، މުހައްމަދު އަރުހަމް 16، މަރާލި ހަމަލަ ކުށްވެރިކޮށް ސަލަފުން ނެރުނު ނޫސް ބަޔާނެއްގައި އެ ޖަމިއްޔާގެ ރައީސް ޝައިހް އަބްދުﷲ ވިދާޅުވީ ހައްގަކާ ނުލާ މީހުން މެރުން އާއްމުވަމުންދާތީ މިފަދަ ނާމާން ކަމުން ރާއްޖެ ސަލާމާތް ވާން އޮތީ އެންމެ މަގެއް ކަމަށާއި އެއީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރުން ކަމަށެވެ.

"ފާއިތުވި މަދު އަހަރުތަކުގެ ހިނގާފައިވާ އެކިއެކި މާރާމާރީތަކާ ގުޅިގެން 10 ވަރަކަށް ޒުވާނުން އެކުދިންގެ އާއިލާތަކުން ބީވެފައިވާއިރު މިއީ ހަމައެކަނި ކަންބޮޑުވުން ފާޅުކޮށްގެން ފަރުޖެއްސެން އޮތް ކަމެއް ނޫން. މިއީ އިންސާނީ މުޖްތަމައެއް އާބާދުވުމާއި ބަރުބާދީއާ ގުޅިފައިވާ އަސާސީ ހައްގެއްގެ މައްސަލައެއް، މިކަން ހައްލުކުރުމަށްޓަކައި މާތް ﷲ ބާވާލެއްވި ގާނޫނު ބަލައިނުގަނެވިގެން މިއުޅޭ ސަބަބެއް ރައްޔިތުންނަށް ވެރިންގެ ފަރާތުންނާއި ގާނޫނު ހަދާ ފަރާތްތަކުން ކިޔައިދޭން އެބަޖެހޭ،" ޝައިހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ވެސް މިކަމުގައި އިތުރަށް ދޫނުދީ ސަރުކާރަށާއި ރައްޔިތުން މަޖިލީހަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ހައްދުތައް ރާއްޖޭގައި ތަންފީޒު ކުރަން މަޖްބޫރުކުރުވަން ވެއްޖެ ކަމަށެވެ.

"މަރަށް މަރު ހިފުމުގެ ހުކުމަކީ ރާއްޖޭގައި މިހާރުން މިހާރަށް ތަންފީޒު ކުރުމަށް ސަރުކާރުން އިއުލާންކުރަން ޖެހޭނެ ކަމެއް. މުޖްތަމައު ފަސާދަކޮށް ނަފްސުތަކުގެ ހުރުމަތް ހައްގަކާ ނުލައި ކަނޑާ ފަރާތްތަކުގެ މައްޗަށް އިސްލާމީ ޝަރީއަތުގެ ހުކުމް ތަންފީޒުކުރުމަށް ގޮވާލަން،"

ހެންވޭރުގައި ހުންނަ ޕާކެއްގެ ތެރޭގައި އަރުހަމް މާރާލާފައި އޮއްވާ ފެނުނުތާ 24 ގަޑިއިރު ވެސް ނުވަނީސް ދެފައި ބަނދެފައި މަރުވެފައި އޮތް އުމުރުން ދުވަސްވީ މީހަކު ނ. މާފަރުން ވަނީ ފެނިފަ އެވެ. އެ ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.