ކުރީގެ އީޕީއެސް ސްކޫލްގެ ޕްރިންސިޕަލް މއ. އަންބަރާ، ހަސަން މާހިރު އަވަހާރަވެއްޖެ އެވެ. އާއިލާގެ ފަރާތުން ވާހަކަފުޅު ދެއްކެވި ބޭފުޅަކު ވިދާޅުވީ މާހިރު އަވަހާރަވީ ރޭ ދަންވަރު ގޭގައި ހުންނަނަވަނިށް ހާޓް އެޓޭކެއްޖެހިގެން ކަމަށާއި އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އަވަހާރަވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ. ރޭ އިރާކޮޅު ވެސް މާހިރު ގެއިން ބޭރަށް ވަޑައިގެން އުޅުއްވި އެވެ. އޭގެފަހުން ރޭ ދަންވަރު 1:00 އެހާކަންހާއިރު ނޫސް ވިދާޅުވާން އިންނެވުމަށްފަހު ކުއްލިއަކަށް ގޮޑިން އަރިއަޅާލައިގެން ވެއްޓުނީ ކަމަށް އާއިލާގެ ބޭފުޅަކު ވިދާޅުވި އެވެ. މާހިރަކީ ކުރިން ވެސް ހާޓް ޕޭޝަންޓެކެވެ. "ގޮނޑި ކައިރީގައި ވެއްޓިވަޑައިގެންފައި އޮއްވާ ފެނުނީ. އެހާ ހިސާބުން ނަގައިގެން ހޮސްޕިޓަލަށް ގެންދިއުމުން އެނގުނީ ހާޓްއެޓޭކެއް ޖެހިގެން އަވަހާރަވެފައި އޮތް ކަން،" އާއިލާގެ ބޭފުޅަކު ވިދާޅުވި އެވެ. ތައުލީމަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ މާހިރު އީޕީއެސް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި 25 އަހަރު ވަނީ ހޭދަކުރައްވި އެވެ. މާހިރު އަވަހާރަވި އިރު ދެ އަންހެން ބޭފުޅުންނާއި އަންބަކު އެބަ އިންނެވި އެވެ.