11:50


މިއަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފައިވާ ކަމަށް އިސްލާމިކް އެފެއާޒުން ބުނެފި  އެވެ.


މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނި ގޮތުގައި، މި އަހަރު ފިތުރު ޒަކާތް ބަލައިގަންނާނީ އިސްލާމީ މަރުކަޒުންނާއި މާލޭ އަވަށު އޮފީސްތަކުގެ އިތުރުން އަތޮޅުތަކުގެ ރަށު އޮފީސްތަކުންނެވެ. ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު ދައްކަންޖެހެނީ އާދައިގެ ހަނޑުލުން ނަމަ 12 ރ. ތައިލެންޑް ހަނޑުލުން ނަމަ 30 ރ. އަދި ބާސްމަތީ ހަނޑުލުން ނަމަ 53 ރ. ކަމަށް މިނިސްޓްރީން ބުންޏެވެ.


އިސްލާމިކް މިނިސްޓްރީން ވަނީ އެސްއެމްއެސް އާއި އޮންލައިން މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭ ގޮތަށް މިއަހަރު ހަމައްޖައްސައިފަ އެވެ.  އެގޮތުން ދިރާގާއި ވަތަނިއްޔާގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް، އަދި ބެންކު އޮފް މޯލްޑިވްސް ނުވަތަ ބޭއެމްއެލްގެ ވެބްސައިޓު މެދުވެރިކޮށް، ކަސްޓަމަރުންނަށް ޑެބިޓް ކާޑުން ޒަކާތް ދެއްކޭނެ ޚިދުމަތް ވަނީ ދާދިފަހުން ތައާރަފްކޮށްފަ އެވެ.


ނަމަވެސް، އެސްއެމްއެސް އާއި އޮންލައިން މެދުވެރިކޮށް ދައްކާ ފައިސާ ބެހުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މާލޭގައި ރަޖިސްޓްރީކޮށްފައިވާ ފަގީރުންގެ މެދުގައި ކަމަށްވާތީ، އަތޮޅުތަކުން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތައް އަތޮޅުތަކުގެ ރަށު އޮފީސްތަކަށް ފައިސާ ދެއްކުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.  


ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ މިއަދުން ފެށިގެން ރަމަޟާން މަހުގެ 26 ގެ ނިޔަލަށް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.