ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހައިޑްރޮގްރަފީ ސާވޭ ހެދުމަށް ބޭނުންވާ ވަސީލަތްތައް ރާއްޖެއަށް ހޯދުމަށް ޓަކައި ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް, ޑިފެންސް މިނިސްޓްރީއަަށް ބަޖެޓު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަަދައިން ވިދާޅުވީ މިހާރު ތ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުފައި ވޭމަންޑޫގައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އިންޑިއާއާއެކު ކުރީ ސަރުކާރުން ހަދައިފައި އޮތް ހައިޑްރޮގްރަފީ އެއްބަސްވުމަކީ ރާއްޖެއަށް ގެއްލުން ލިބޭ ގޮތަށް ހަދައިފައި އޮތް އެއްބަސްވުމެއް ކަމަށެވެ.

އެހެންކަމުން އެ ފަދަ އެއްބަސްވުމެއް އާކުރުމުގެ ބަދަލުގައި ރާއްޖޭގެ އަސްކަރިއްޔާގައި އެ ގާބިލުކަން ގާއިމްކުރުމަށް މިހާރު މަސައްކަތް ފަށައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ އަޑީގައި އޮތް [ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އަޑީގައި އޮތް] ކޮންމެ އެއްޗެއް ވިޔަސް އެ އެނގެންވާނީ އަޅުގަނޑުމެންނަށް. އޭގެ ސްކޭންކޮށް މެޕްކޮށް ހަަދައިގެން ގެންގޮސް، އެހެން ބަޔަކު ގެންގޮސް އަދި އެ އަޅުގަނޑުމެން ލާރިދީގެން ގަނެ މި ކޮން ސަކަރާތެއްތޯ. އެހެން [އިންޑިއާއާއެކު] ހަދައިފައި އޮތް އެއްބަސްވުމެއްވީމާ އަޅުގަނޑުމެން ބޭނުންނުވީ އާކުރަން،" އާ ނުކުރަން ނިންމެވި ސަބަބު ހާމަކުރައްވައި ރައީސް ވިދާޅުވިއެވެ.

"ފިނޭންސް މިނިސްޓްރީން މިހާރު ޑިފެންސް މިނިސްޓްރީއަށް އެ ބަޖެޓު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދަނީ. ހަމަޖެހުނުހައި އަވަހަށް އެ ގަންނަންޖެހޭ ސޮފްޓްވެއާއާއި ހާޑްވެއާއާއި ހުރިހާ އެއްޗެއް ގަނެގެން އަޅުގަނޑުމެން އަމިއްލައަށް އެ މަސައްކަތްކުރާނީ،" ރައީސް ވިދާޅުވިއެވެ.

ރައީސްވަނީ އެހެން ގައުމެއްގެ އެހީތެރިކަން ހޯދައި، އެހެން ގައުމެއްގައި އެދިގެން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަކީ ރައްޔިތުން އެދޭނެ ގޮތެއްތޯ ސުވާލު އުފައްދަވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ އޭގެ ބަދަލުގައި ރައްޔިތުން ވެސް އެދޭނީ، ދިވެހީންގެ އަމިއްލަ އަސްކަރިއްޔާގައި އެ ގާބިލުކަން ގާއިމްކޮށް، ރާއްޖޭގެ ސަރަހައްދު ހިމާޔާތްކުރުންކަމަށެވެ.

އެ ކަން ކުރުމަށް އެ މަނިކުފާނު ނިންމަވައި އިއުލާނުކުރެއްވުމުން ވެސް އެ ކަމަށް ހަޖޫ ޖެހި ބަޔަކު އުޅުނު ކަމަށާއި އެއީ ދިވެހީންތޯ ވެސް ރައީސް ސުވާލު އުފެއްދެވިއެވެ. ރައީސް ވިދާޅުވީ ގައުމު ދެކެ ލޯބިވާ ދިވެއްސަކުނަމަ އެ ކަމަށް ހަޖޫ ޖެހުމުގެ ބަދަލުގައި އެ ކަމަށް ދޭނީ ހިތްވަރު ކަމަށެވެ.

ނަމަވެސް ވަކި މަންފާއެއް ހޯދުމުގެ ބޭނުމުގައި، ވަކި ގައުމެއްގެ އެހީ ހޯދައިގެން ނޫނީ އެ ކަން ނުކުރެވޭނެކަަމަށް ބުނާ މީހުންނާއި، މީގެ ކުރިން ވެސް ގައުމަށް ޚިޔާނާތްތެރިވީ ބަޔަކު އެ ފަދަ ކަމެއް ކުރުމަކީ ވެދާނެ ކަަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު މަސައްކަތްކުރައްވަނީ ވަކި ގައުމަކާ ޖައްސަލައިގެން ނޫންކަމަށެވެ.

"އަޅުގަނޑު މި އުޅެނީ ކޮންފްރަންޓޭޝަނަކަށް އެއްވެސް ގައުމަކާ އެކީ ދާކަށް ނޫން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރާނީ ހުރިހާ ގައުމަކާ ގުޅިގެން މަަސައްކަތްކުރުމަށް ކަމަށެވެ. އެ މަސައްކަތުގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އިހްތިރާމްކޮށް، ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނަ ނަަމަ އެއްވެސް ގައުމަކާ ދުޝްމަން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.