ޓީ ޖެޓީ ސަރަހައްދުގައި އިތުރު ވަސީލަތްތަކެއް ގާއިމްކުރަން މަސައްކަތް ކުރާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މިއަދު ވިދާޅުވީ ވެރިރަށުގެ ހުޅަނގު ދެކުނު ފަރާތުގެ ޓީ ޖެޓީ ސަރަހައްދަކީ ގިނަ އަދަދެއްގެ މުދާ އަރުވާ ބާލާ، ކާރޫބާރޫ ބޮޑު ތަނަކަށް ވިޔަސް މިހާރު އޮތް ގޮތުން އެ ސަރަހައްދުގައި މުދާ ބަހައްޓަން ޖެހެނީ އެއްވެސް ސެކިއުރިޓީއެއް ނެތި ކަމަށެވެ. އަދި ރަނގަޅު ފެންވަރުގެ އެއްވެސް ހިދުމަތެއް އެ ސަރަހައްދުން ނުދެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އެތަނުގައި އެއްވެސް ކަހަލަ ސެކުރިޓީއެއް ނެތް ބޭނުން ވަގުތަކު ބޭނުން މީހެއް ވަދެ ނިކުމޭ، އަނެއްކާ އޮފީސް ހިންގަނީ ކޮންޓެއިނަރެއްގެ ތެރޭގައި،" ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓީޖެޓީ ތަރައްގީ ކުރަން ވިސްނާފައިވަނީ ބީލަމުގައި އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ރަނގަޅު ފެންވަރަކަށް ހިދުމަތްދޭނެ އޮފީހަކާއި ސެކިއުރީޓި ޗެކް ޕޯސްޓްތަކާއެކު މީހުންނަށް އިށީންދެ ތިބެވޭނެ އިންތިޒާމްތައް ރާވަންޖެހޭކަމަށެވެ.

މާލޭ ހުޅަނގު ދެކުނު ހާބަރު ޓީ ޖެޓީއަކީ އަތޮޅުތަކުން އަންނަ އުޅަނދުދު ފަހަރާއި ރިސޯޓް ސަޕްލައި އުފުލާ އުޅަނދުފަހަރުގެ ބޭނުން ކުރަމުން އަންނަ ވިޔަފާރީގެ ބޮޑު ބަނދަރަކެވެ.

ޓީ ޖެޓީގެ އޮފީހަކީ އާންމުކޮށް 24 ގަޑިއިރު ހުޅުވިފައި ހުންނަ ތަނެކެވެ. މިދިއަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޓީ ޖެޓީ ގައި ހުންނަ އެ އޮފީސް ފަޅާލައި ތިޖޫރީގައި ހުރި 30،000 ވުރެ ގިނަ ރުފިޔާ ވަގަށް ގެންދިޔަ އެވެ.