06 Feb 2024, 18:30
ކުރިއަށް އޮތް ރަމަޟާން މަހަށް ފަހު 10 ދުވަހަށް މަޑުނުކޮށް، އޭގެ ކުރިން މަޖިލިސް އިންތިޚާބު ބޭއްވޭހެން ގާނޫނަށް އިސްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.
މިއަހަރުގެ މަޖިލިސް އިންތިޚާބު ރަމަޟާން މަހާ ދިމާވާތީ މަޖިލީހުން މަސައްކަތް ކުރަނީ އިންތިޚާބާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ފަހު އިންތިޚާބު ފަސް ކުރުމަށެވެ. ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މިހާރު މަޖިލީހުގެ ކޮމިޓީ މަރުހަލާގައި އޮތް އިރު، ބިލުގައި ވަނީ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބޭއްވުމަށެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ހޮވާފައިވާ ވަގުތީ ކޮމިޓީގެ ބައްދަލުވުމުގައި މިއަދު ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބާއްވައިފި ނަމަ ވޯޓު ގުނައި، ނަތީޖާ އިއުލާނުކޮށް ހުރިހާ ކަމެއް ނިންމަން ކޮމިޝަނަށް ލިބޭ ވަގުތު ކުޑަވާކަމަށެވެ.
އެއީ، މަޖިލީހުގެ ހިނގަމުންދާ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލީހަށް އާ މެންބަރުން އިންތިޚާބުކޮށް، ހުރިހާ ކަމެއް ނިންމަން ޖެހޭ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީއެވެ.
މި ހިނގާ މަޖިލީހުގެ ދައުރު ނިމޭނީ އަންނަ މެއި މަހު 28ގައެވެ. އެހެންވެ، އިންތިޚާބުގެ ހުރިހާ ކަމެއް އޭޕްރިލް 28ގެ ކުރިއަށް ނިންމަން ޖެހޭނެއެވެ.
މިހާރު ކަލަންޑަރުން ދައްކާ ގޮތުން ރޯދަމަސް ނިމޭނީ އޭޕްރިލް ނުވަ ވަނަ ދުވަހަށެވެ. އެހެންވެ، ގާނޫނަށް ގެންނަ އިސްލާހު މިހާރު އޮތް ގޮތަށް ފާސްކޮށްފި ނަމަ އިންތިޚާބު އެންމެ އަވަހަށް ބޭއްވޭނީ އެ މަހުގެ 19ގެ ފަހުންނެވެ.
ހަބީބު ވިދާޅުވީ ގާނޫނަށް އިސްލާހު ގެންނައިރު، އިންތިޚާބު ތެރޭގައި ހިނގާފާނެ އިތުރު ކަމަކަށް ވެސް ވިސްނުމައި އެކަމާ ގުޅިގެން ހައްލެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި ހައްލު ގެންނަން އެދެވޭ މުއްދަތެއް ލިބެން ޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އިންތިޚާބުގެ ކަންކަން ނިންމައިފައި އޮންނަން ވާނެކަމަށް ގާނޫނު އަސާސީގައި ބުނާ މާއްދާއަކީ މުހިންމު މާއްދާއެއް ކަމަށެވެ.
"ދިހަ ދުވަސް، ފަސް ވަރަކަށް ދުވަހަށް ބަދަލު ކޮށްލައިފިއްޔާ އަޅުގަނޑުމެންގެ އަތުގައި އޮންނާނެ އަނެއްކާ ވެސް ފަސް ވަރަކަށް ދުވަސް. މިސާލަކަށް ހަމަ އެއްވަރު ވިޔަސް ކޯޓުގެ ހުކުމަކުން ބާއްވާން ޖެހުނަސް އެ ފުރުސަތު ލިބިގެންދާނެ،" ހަބީބް ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބު މާޗު މަހުގެ 17ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު އެ ދުވަސް ދިމާވަނީ މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ހަފުތާއާއެވެ. ހަބީބްގެ ހުށަހެޅުމާ އެއްގޮތަށް، އިންތިޚާބު ބޭއްވޭ މުއްދަތު އަވަސްކުރަން އިސްލާހަށް ބަދަލު ގެނެސްފިނަމަ، އިންތިޚާބު ހަ ރޯދައިގެ ދުވަސްތަކާ ދިމާވެދާނެއެވެ.