06 Feb 2024, 23:42
އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ބްރެންޓްފަޑް ބައްދަލުކުރި މެޗު ސިޓީއިން ކާމިޔަބުކޮށް ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ބްރެންޓްފަޑްގެ ދަނޑުގައި ކުޅުނު މިމެޗު ސިޓީއިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައި ތިން ލަނޑު އެއް ލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު އެ މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ.
އެ މެޗު ސިޓީއިން ފެށީ ވަރަށް ފޯރިއާ އެކުއެވެ. މިގޮތުން ސިޓީއިން ވަނީ ފުރަތަމަ ކަށިގަނޑާއެކު ބްރެންޓްފަޑްގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. މިގޮތުން ނުރައްކާތެރި ދެތިން ހަމަލާއެއް ސިޓީއިން ބްރެންޓްފަޑްގެ ގޯލަށް ފޮނުވާލިތަން ފެނުނެވެ. ނަމަވެސް ބްރެންޓްފަޑްގެ ކީޕަރު މާކް ފްލެކެންވަނީ ހުޝިޔާރު ކަމާއެކު މިހަމަލާތައް ދިފާއުކޮށްފައެވެ.
މިމެޗުގައި ސިޓީއިން މޮޅަށް ކުޅެމުންދިޔަ ނަމަވެސް މިމެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ބްރެންޓްފަޑްއިންނެވެ. މެޗުގެ 21 ވަނަ މިނެޓްގައި ފްލެކެން ގޯލް ކުރިމަތިން ޖެހި ޖެހުން ހުރިހާ ކުޅުންތެރިންގެ ބޯމަތިން ސިޓީގެ ހާފުގެ ތެރެއަށް ދިޔަ ބޯޅަ ހޯދާ ނީލް މޯޕޭވަނީ ބެރެންޓްފަޑްއަށް ލީޑު ނަގައިދީފައެވެ.
މިލަނޑާއެކު ސިޓީއަށް ސިހުން ލިބުނު ނަމަވެސް އެޓީމުން އަނެއްކާވެސް ވަނީ ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް އިތުރު ކޮށްފައެވެ. މިގޮތުން ސިޓީއިން ކުރަމުންދިޔަ މަސައްކަތް އެންމެ ފަހުން ކާމިޔަބު ވެފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުއެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ސިޓީގެ ފުރަތަމަ ލަނޑު ޖަހައިދިނީ ފިލް ފޯޑެންއެވެ.
މިމެޗުގެ ދެވަނަ ހާފުވެސް ސިޓީއިން ފެށީ ފުރަތަމަ ހާފް ނިންމާލި ހިސާބުންނެވެ. މިގޮތުން ސިޓީއިން ދިޔައީ ބްރެންޓްފަޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މިމެޗުގައި ސިޓީގެ ދެވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓްގައި ޖަހައި އެޓީމަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީވެސް ފޯޑެންއެެވެ. އަދި ސިޓީގެ ފަހު ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި ޖަހައިދީ ފޯޑެންވަނީ މިމެޗުގައި ހެޓްރިކް އެއްވެސް ހަދާފައެވެ.
މިކާމިޔާބީއާއެކު ސިޓީއިން މިހާރުވަނީ ކުޅުނު 22 މެޗުން ލިބިފައިވާ 49 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެއްވަނައިގައި އުޅޭ ލިވަޕޫލައި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކުރުމުގެ އިތުރުން އެޓީމް މިހާރު ނުކުޅެ އޮތް މެޗު ކާމިޔާބު ކޮށްފިނަމަ ތާވަލްގެ އެއްވަނައިގައި އެއް ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތުވެސް ސިޓީއަށް ލިބޭނެއެވެ. މިމެޗުން ބަލިވުމުން ބްރެންޓްފަޑް އުޅެނީ 22 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.