31 May 2012, 10:38
ބޯޑާ ސިސްޓަމްގެ މަސައްކަތް މެލޭޝިޔާގެ ނެކްސްބިޒާއި ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ތުހުމަތުވެ އޭސީސީން އެ ޕްރޮޖެކްޓް ކުރިން ހުއްޓުވި އެވެ. ވަކި ހިސާބަކުން ފެނިގެންދިޔައީ ކޮންޓްރޯލަރު އިލްޔާސް ހުސެއިން އިބްރާހިމް އާއި ފިނޭންސް މިނިސްޓްރީގެ ކުރީގެ ޓެންޑާ އިވެލުއޭޝަން ބޯޑުގެ ޑިރެކްޓާ ސާމީ އަގީލްގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވުމާއި އިލްޔާހާއި އިމިގްރޭޝަންގެ ބައެއް ވެރިން "ހަނގުރާމަ"އަކަށް ނުކުމެ އުޅުނު ތަނެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ކޮންޓްރޯލާ ކަމުގެ މަގާމުން އިލްޔާސް ވަކިކުރައްވައި އެހެން މަގާމަކަށް ބަދަލުކޮށްފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ވެރިކަން ލިބިވަޑައިގެންނެވުމާ އެކު އެމަނިކުފާނުގެ ޅިޔަނު އިލްޔާހަށް އަލުން ކޮންޓްރޯލާގެ މަގާމް ދެއްވި އެވެ.
ކުރިން އުފެދުނު ބޮޑު މައްސަލައެއް ހައްލު ނުވެ އޮއްވައި ކުއްލި ގޮތަކަށް އިލްޔާހަށް ކޮންޓްރޯލާކަން ދެއްވުމުން އޭރުވެސް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. ކުއްލިއަކަށް އެމަނިކުފާނުގެ ޅިޔަނަށް އަނބުރާ އެ މަގާމު ދެއްވުމާ ގުޅިގެން ކުރިން އުފެދުނު މައްސަލަތަކާ ގުޅުވައިލަން ފުރުސަތު ލިބުނެވެ.
ބޯޑާ ސިސްޓަމްގެ މަސައްކަތް ނެކްސްބިޒަށް ދީފައި ވަނީ ވަނީ 22 އަހަރު ވަންދެން ރާއްޖެ އަންނަ ކޮންމެ މީހެއް އަދި ފުރާ ކޮންމެ މީހެއްގެ އަތުން ކޮޅަކަށް ދެ ޑޮލަރު ނަގާ ގޮތަށެވެ. އަދި ވިސާ ހައްދައި އަދި އާ ކުރާ ކޮންމެ މީހެއްގެ އަތުން 15 ޑޮލަރު ނަގާ ގޮތަށެވެ. އެ ރޭޓުން ބަލާ އިރު، 22 އަހަރަށް ހަވާލުކޮށްފައިވާ އެއްބަސްވުމުގެ ދަށުން ނެކުސް ބިޒަށް 88 މިލިއަން ޑޮލަރު ލިބޭނެ އެވެ. މިފަދަ ގޮތަކަށް އޮތް ބޯޑާ ސިސްޓަމްގެ މަސައްކަތް ހުއްޓާލަން ކޯޓުން އަންގާފައި ވިޔަސް ކުރީގެ ސަރުކާރުން ވެސް ރައީސް ވަހީދުގެ ސަރުކާރުން ވެސް ރާގު ހުރީ މުޅިން އެހެނެއް ނޫނެވެ.
ޕްރޮޖެކްޓާ ބެހޭ ގޮތުން ދެ ސަރުކާރުން ދެއްކި ވާހަކަތަކުން ފެނުނީ "ހިޔާނާތުގެ ތެރޭގައި އޮތް" ޕްރޮޖެކްޓް ކުރިޔަށް ގެންދަން ބޭނުންވެގެން އުޅުނުތަނެވެ. ރައީސް ނަޝީދުގެ ސަރުކާރުން ދިފާއު ކުރަން އުޅުނީ ކޮންކަމެއް ކަން ރަނގަޅަކަށް ސާފެއް ނުވެ އެވެ. ކޮންޓްރޯލާއަކަށް އިލްޔާސް ހުންނެވުމާ އެކު ފަހަރުގައި އޭރުގެ ނާއިބު ރައީސަކަށް ހުންނެވި ވަހީދުގެ ރުހުން ހޯއްދަވަން ދެއްވި ދުލެއް ކަމަށް ވެސް ވެދާނެ އެވެ.
ރައީސް ވަހީދުގެ ސަރުކާރު އައުމަށް ފަހު ކޮރަޕްޝަނަށް ޖާގަ ނުދޭނެ ކަމަށާއި މިނިވަން މުއައްސަސާތަކުގެ މަސައްކަތް ހުރަސް ނާޅާނެ ކަމަށް ވައުދުވި އެވެ. އެހެން ނަމަވެސް ބޯޑާ ސިސްޓަމްގެ މައްސަލައިގައި ފެނުނީ ކޮންޓްރޯލާ އިލްޔާސްގެ ދިފާއަށް ނެރުނު ވާހަކަތަކެއް ދެއްކަމުން ދިޔަހެނެވެ.
މިސާލަކަށް އިލްޔާހާ ބޯޑާ ސިސްޓަމާއި ސަރުކާރުގެ ވާހަކަ އެއްގޮތްވެފައި ވަނިކޮށް ނެކްސް ބިޒުން އިމިގްރޭޝަނަށް 75 ލެޕްޓޮޕް ދީފައިވާ މައްސަލައެއް އޭސީސީން ހިޅުވައިލި އިރު ސަރުކާރުން ބުނެފައި ވަނީ އޭސީސީގެ މަސައްކަތަށް ހުރަސް ނާޅާނެ ކަމަށެވެ. ކަރަޕްޝަނަށް ޖާގަ ނުދޭނެ ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް ފުރަތަމަ ވެސް ފެނުނީ އޭސީސީގެ ތަހުގީގު ޓީމަށް ހުރަސް އަޅައި އޭސީސީން ބަލަން ބޭނުންވި ތަންތަނުގައި އަތްއަޅަން އިމިގްރޭޝަނުން މަސައްކަތް ކުރިތަނެވެ. ގިނަ ބަޔަކު އެކަމުގައި ވެސް ސުވާލުއުފައްދާ ކަންތައްތަކެއް ހުއްޓެވެ.
އަނެއް ކަމަކީ ލެޕްޓޮޕްތައް ރާއްޖެ ގެނައި އިރު އޭގެ ޑިއުޓީ މައާފްކޮށްދިނުމަށް ރައީސް ވަހީދު މަސައްކަތް ކުރައްވާފައިވާކަމުގެ ސިޓީއެއް އާންމުވުމެވެ. މައްސަލަ ޖެހި ކޮންޓްރޯލް ނެއްޓިފައިވާ ޕްރޮޖެކްޓެއްގެ މައްސަލައިގެ ތެރެއަށް އެކަން ވެސް ވަދެގެން ދިޔައީ ޝައްކުގެ ނަޒަރަކުންނެވެ.
އިލިޔާސު މަގާމާ ހަވާލުވުމާ އެކު އަދި ލިބުނު ހަނި ފުރުސަތެއްގެ ތެރެއިން ބޯޑާ ކޮންޓްރޯލުގެ ނިޒާމު އަވަސްކޮށް، އިމިގްރޭޝަންގެ ކޮންމެ މުވައްޒަފަކަށްހެން ދިން ލެޕްޓޮޕްތަކުގެ މައްސަލައާ އެކު އެކަމުގައި ސުވާލު އުފެދޭ އެތައް ކަމެއް ފެންމަތިވި އެވެ. އޭސީސީން ގޮތް ދޫނުކުރުމުން ދެން ފެނުނީ އަނެއްކާ ވެސް ކުއްލިގޮތަކަށް އިލްޔާސް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލު ކުރެއްވިތަނެވެ. އަދި ސަރުކާރު ކަރަޕްޝަނަށް ޖާގަ ނުދޭނެ ކަމަށް ބުނެ އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިތަނެވެ. މިކަންކަން ވެގެން ދިޔައީ މި ޕްރޮޖެކްޓާ މެދު ގިނަ ބަޔެއްގެ ހިތުގައި އިތުރު ސުވާލުތަކެއް ފެންމަތިކުރުވި ސަބަބެވެ. އަދި މައްސަލައާ އިލްޔާހާ ގުޅުވައިލެވޭ ސަބަބުތަކުގެ ބަޔަކަށެވެ.
އިލްޔާސްގެ މަގާމް ބަދަލުކުރެއްވި ފަހުން އިތުރު ކަމެއް ވެސް ފެންމަތިވި އެވެ. އެއީ އިލްޔާސް އެ މަގާމުގައި ހުންނެވި އިރު އޭނާގެ ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ އިލްޔާސް ރައީސް ވަހީދަށް ފޮނުވާފައިވާ ސިޓީއެކެވެ. އިލްޔާސްގެ ސިޓީގައި ވިދާޅުވެފައި ވަނީ ޝަރުއީ މަރުހަލާގައިވާ ބޯޑާ ކޮންޓްރޯލްގެ މައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން ކޯޓުގައި އިމިގްރޭޝަން ދިފާއު ނުކުރާ ކަމަށެވެ.
ކަރަޕްޝަނަށް މަގުފަހި ނުކޮށްދޭނެ ކަމަށް ވިދާޅުވާ ރައީސެއްގެ އަރިހުގައި މިފަދަ ތުހުމަތެއް އޮތް މައްސަލައެއްގެ ވާހަކަ އެގޮތަށް އިލްޔާހު ދެންނެވުމަކީ އިތުރު ޝައްކުތަކެއް ގެނުވާ ކަމެވެ.
އެކަމާ ގުޅޭގޮތުން ބަންޑާރަ ނާއިބް އާޒިމާ ވިދާޅުވެފައި ކޮރަޕްޝަންގެ އަމަލަކަށް ދުލެއް ނުދެއްވާނެ ކަމަށާއި އެއީ ކޮންމެ ފަރާތަކަށް ވިޔަސް ވަރިހަމަ ކަމަށެވެ. އަދި އޭސީސީ އިން ބަލާ ކޮރަޕްޝަންގެ މައްސަލައެއް ހުއްޓުވަން އެކަމަނާ ތެދުވެ ވަޑައިނުގަންނަވާނެ ކަމަށެވެ.
ހަގީގަތުގައި މި މައްސަލަ އަދިން މުޅިން ސާފެއް ނުވެ އެވެ. މިހާރަށް ފެންނަން ފެނުމަށް މި މައްސަލައިގައި ސަރުކާރުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދެ އެވެ. އަދި މި ބޯޑަރު ސިސްޓަމްގެ މައްސަލައިގެ ތެރޭ ފޮރުވިފައިވާ ވަރަށް ބޮޑު ސިއްރުތަކެއް އަދި އެބަވެެ އެވެ. އެކަން ކަން އެނގޭނީ ބިތުފަންގި ނެގެމުން ދިޔަ ވަރަކަށެވެ.