06 Feb 2024, 15:03
ތ. ދިޔަމިގިލިން، މުޙައްމަދު ނާއިލް ޙަފީޒް
މި ވަގުތު ރާއްޖޭގެ އިގްތިޞާދީ ހާލަތު އޮތް ގޮތުން އެއްފަހަރާ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަކީ ދަތިކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ތ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދުގެ ދެވަނަ ރަށްކަމަށްވާ ދިޔަމިގިއްޔަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވިދާޅުވީ މިހާރު ވެސް އެންމެ އިސްކަން ދެއްވަނީ ރާއްޖޭގެ ތަރައްގީއަށް ކުރަންހުރި ކަންކަން ކުރެއްވުމަށް ކަމަށެވެ.
ނަމަވެސް ނިމިދިޔަ ސަރުކާރުން، މި ސަރުކާރަށް ރާއްޖޭގެ އިގްތިޞާދު ވާރުތަވީއިރު އިގްތިޞާދު އޮތީ ވަރަށް ދަތި ހާލަތެއްގައިކަމަށް ފާހަގަކުރެއްވިއެވެ.
މިއަދު ރަށްރަށުގައި މަޝްރޫއުތައް ހިންގަން ބަލައިލާއިރު، ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ހިންގަން ފަށައި ބާރު ސްޕީޑުގައި ކުރިއަށްގެންދަން ބަލައި ނަމަވެސް އެންމެ ބޮޑު ހުރަހަކަށް ކުރިމަތިވަނީ މިހާރުގެ އިގްތިޞާދީ ދަތިކަންކަމަށް ވިދާޅުވިއެވެ.
ނަމަވެސް އެ ކަންކަން ރަނގަޅުކުރައްވައި، މަޝްރޫއުތައް ހިނގާ މިންވަރު ބާރުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ދިޔަމިގިލީގައި: އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް އޮޅުވައިނުލާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
"އެހެންވީމާ އެ ކަންކަން ކުރުމުގެ މަސައްކަތުގެ ތެރޭގައި އުޅޭއިރުގައި ޕީއެސްއައިޕީ މަޝްރޫއުތައް މިހެން ހުންނަ ތަރައްގީގެ މަޝްރޫއުތައް އެއްފަހަރާ ކުރިއަށް ގެންދިއުމުގައި ދަތިތައް ހުރީ. އަޅުގަނޑަކީ ވަރަށް ބޮޑަށް ޚާއްސަކޮށް މި ކަހަލަ ތަރައްގީގެ މަޝްރޫއުތައް ވަރަށް ގިނައިން ކުރިއަށް ގެންދަން ބޭނުންވާ މީހެއް،"
އެކަމަކު އެއްފަހަރާ ހުރިހާ ރަށެއްގައި ހުއްޓިފައި ހުރި މަޝްރޫއުތައް ވެސް އަދި އަލަށް ފަށަންހުރި މަޝްރޫއުތައް ވެސް ނުފެށޭނީ މިހެންވެގެން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިގްތިޞާދީ ހާލަތު ފަހިވަމުން އަންނަ މިންވަރަކުން ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ކަމަށެވެ. ނަމަވެސް މި ވަގުތަށް މުހިންމީ އިގްތިޞާދީ ދަތިކަމުން އަރައިގަތުމަށް ކުރަން ޖެހޭ ކަންކަން ކުރުންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުވެފައި އޮތް އެއްވެސް ވައުދަކަށް ފަރުވާ ކުޑައެއް ނުކުރާނަން،" ރައީސް ވިދާޅުވިއެވެ.
އިގްތިޞާދު ރަނގަޅުވެ ހިންދެމިލެވޭ ވަރުވުމުން އަމާޒަކީ ވީހާ ވެސް އަވަހަށް މަޝްރޫއުތަައް ފެށުންކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ހަގީގަތް ކިޔައިދެއްވަނީ ރައްޔިތުންނަށް އޮޅުވައިނުލާ މަސައްކަތްކުރެއްވުމުގެ ނިޔަތުގައި ކަމަށެވެ.
"އަޅުގަނޑު މި ވާހަކަ ނުދަންނަވައި މިސާލަކަށް އަޅުގަނޑު މިތަނަށް އައިސް މި ދެންނެވީ ތި ވިދާޅުވާ ހުރިހާ ކަމެއް ހަމަ ވަގުތުން ފަށާނަމޭ. އެހެންނެއް އަޅުގަނޑު ނުހަދާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަދު ގުރައިދޫގައި ދެއްކެވި ވާހަަކަފުޅުގައި ވެސް ރައީސްވަނީ އިގްތިޞާދީ ހާލަތަށް އަލިއަޅުއްވައިލައްވައިފައެވެ. އަދި މަޝްރޫއުތައް ހިންގެވުމުގެ ނަމުގައި އިންތިޚާބީ މޫސުމާ ދިމާކޮށް 'ކަޑަ' ނުޖައްސަވާނެކަމަށް ވެސް ވިދާޅުވިއެވެ.