އެމެރިކާއިން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސަޑަރު ޕެޓްރީޝިއާ ބިއުޓެނިސް، ޑިފެންސް މިނިސްޓާ މުޙައްމަދު ނާޒިމް ބައްދަލު ކުރައްވައިފި އެވެ.

ޑިފެންސް މިނިސްޓްރީގައި އިއްޔެ ބޭއްވެވި ބައްދަލުވުމުގައި އެމެރިކާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައި އެ ގުޅުން ހަރުދަނާ ކުރެވޭނެގޮތްތަކާމެދު ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

އެމްބެސަޑަރު ބިއުޓެނިސް ވިދާޅުވީ ތަރައްގީ ހޯދުމަށްޓަކައި ރާއްޖެ އެހެން ގައުމުތަކާއި ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމަށާއި ރާއްޖެއަކީ އެމެރިކާގެ ފޮރިން ޕޮލެސީއެއް ކަމަށެވެ. އަދި ވިދާޅުވީ އެމްއެންޑީއެފް މިހާރަށްވުރެ ހަރުދަނާ ކުރުމަށް އެމެރިކާއިން އެހީތެރިވެދެއްވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓާ ނާޒިމް ވިދާޅުވީ ރާއްޖޭގެ ދިފާއީ ކަންތައްތައް ހަރުދަނާ ކުރަން އެމެރިކާއިން ވެދޭ އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި ވެސް އެ އެހީތެރިކަން ދޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.