06 Feb 2024, 12:39
ޝަރީއަތް ދިގުލައިގެންދާ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފިއެވެ.
އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ޝަރީއަތް ނިމެންދެން ބަނދުކޮށްފައިތިބޭ މީހުންގެ ބަންދު ދިގުލައިގެން ދާ މައްސަލައަށް ހައްލެއް ހޯދަން މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ޕީޖީ އޮފީހުން ބުނީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީޢަތްތައް ނުބޭއްވި ދިގުލައިގެންދާ މައްސަލައަކީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، އަބަދުވެސް ކަންބޮޑުވެވަޑައިގަންނަވާ މައްސަލައެއް ކަމަށެވެ.
އިތުރަށް އެ ބަޔާނުގައި ވަނީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމުގެ މައްސަލައަށް ޤާނޫނީ ހައްލެއް ހޯއްދެވުމަށްޓަކައި، ގާނޫނީ ހަމަތަކުގެ މަތިން އެ އޮފީހުން ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން، ދޭނެ ކަމަށެވެ.
އަދި މީގެ އިތުރުން ސަރުކާރުގެ ކަމާގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގައިވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީން ކަން އެ އޮފީހުން ވަނީ ދީފައެވެ.
އަދި އެ އޮފީހުން ވަނީ މި މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވުމުން އެކަމަށް މަރުހަބާވެސް ދަންނަވައިފައެވެ.
މީގެ އިތުރަށް ޕީޖީ އޮފީހުން ބުނީ 2019 ވަނަ އަހަރުން ފެށިގެން އެ އޮފީހުން އަންނަނީ އެކި ގޮތްގޮތުން އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން ކަމަށެވެ.
އެގޮތުން ޝަރީއަތް ނިމެންދެން ބަންދު ކުރާ މީހުންގެ ބަންދުގެ ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރާ ގޮތަށް ޖިނާއީ އިޖުރާތުގެ ގާނޫނު ލިޔެ، ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖަޢާކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބަންޖެހޭ ޙާލަތު ބަދަލުވޭތޯ ގަވާއިދުން އެ އޮފީހުން ބަލަމުން ގެންދާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
އެ އޮފީހުން ބުނީ، މި މައްސަލައިގެ އެއް ސަބަބު ގުޅިފައިވަނީ ޝަރުޢީ ކޯޓުތައް ހިނގާ ބާރުމިނާ ކަމަށެވެ. އަދި ޝަރީއަތް ހިނގާ ބާރުމިން ގުޅިފައިވަނީ ކޯޓުތަކުގެ ޖާގައިގެ މައްސަލައާ ކަމަށްވެސް އެ ކޯޓުން ވަނީ ބުނެފައެވެ.
އަދި ކޯޓު ތަކުގެ ޖާގައިގެ މައްސަލައަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެ ކަަމަށް ރައީސް ވިދާޅުވެފައިވާތީ އެކަމާ ޕީޖީ އުފާ ކުރައްވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. އަދި އެ ކަމުގެ އަމަލީ މަސައްކަތްތައް އަވަހަށް ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން ބުނީ ޖިނާއީ ކުށުގެ ޢަމަލުތަކުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި، މުޖްތަމަޢުގެ އަމަންމާންކަމާއި ޞުލްޙަ މަސަލަސްކަން ގާއިމުކުރުމަކީ އެ އޮފީހުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ކަމަށެވެ.
އަދި މީގެ އިތުރުން ކުށްކުރުން މަދުކުރުމަށް ދޭ އިސްކަމާއެކު، ކުށްވެރިންނަށް ރަނގަޅު މަގު ދައްކައިދީ، އިސްލާޙުވުމުގެ ފުރުސަތު ގާނޫނު ތަންދޭ އެންމެ ފުޅާމިނެއްގައި ފަހިކޮށްދިނުންވެސް އެ އޮފީހުގެ ސިޔާސަތު ތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.