ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު 40 ޕަސަންޓަށް އަރާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބުލިޔު އެޗްއޯ)ގެ ރިޕޯޓްތަކުން ދައްކާ ކަމަށް ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލު ޔުނިޓު (ސީސީއެޗްޑީސީން) ހާމަކޮށްފި އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް(މިއަދު)ގެ މުނާސަބަތުގައި ސީސީއެޗްޑީސީން ނެރެފައިވާ ސަޕުލިމެންޓް ރިޕޯޓުގައި ބުނެފައި ވަނީ 2004 ވަނަ އަހަރު މުޅި ރާއްޖެގައި ކުރި ސްޓެޕްސް ސާވޭ އިން ދައްކާ ގޮތުގައި ރާއްޖޭގައި ގާތްގަނޑަކަށް 24 ޕަސަންޓު މީހުންނަކީ ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ވަބާގައި ޖެހިފައިވާ މީހުން ކަމަށާއި ނަމަވެސް ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާ އިން އަންދާޒާ ކުރާ ގޮތުގައި މިހާރު އެ ޢަދަދު 40 ޕަސަންޓާ ގާތް ކުރާނެ ކަމަށެވެ.

މިއަދު ނެރެފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގެ ސުކޫލްތަކުގައި ކިޔަވާ ކުދިންނާއި އަންހެނުން ދުންފަތުގެ އިސްތިއުމާލު ކުރުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

އެންމެ ފަހުން ކުރި ގްލޯބަލް ޔޫތް ޓޮބެކޯ ސާވޭ 2007 އިން ދައްކާ ގޮތުން 19.9ޕަސަންޓް ސްކޫލް ކުދިން އެންމެ ފަހަރަކު ނަމަވެސް ދުންފަތުގެ އިސްތިޢުމާލު ކޮށްފައިވެ އެވެ. އޭގެ ތެރެގައި ހިމެނެނީ 31ޕަސަންޓް ފިރިހެން ކުދިންނާއި ނުވަ ޕަސަންޓް އަންހެންކުދިންނެވެ. އަދި އެ ކުދިންގެ ތެރެއިން 77 ޕަސަންޓަކީ ކުދިން ޤަވައިދުން ދުންފަތުގެ އިސްތިޢުމާލުކުރާ ކަމަށް ސާވޭގައި ބުނެފައިވެ އެވެ.

"..އެންމެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ އުމުރުން 18 އަހަރަށް ވުރެ ކުރިން މިފަދަ ސާރވޭތަކުގެ ނަތީޖާ އިން އެންމެ ކަންބޮޑުވާން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްލަން ޖެހެނީ ކުޑަކުދިން އަދި އަންހެނުން ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން ދާކަން."ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ދެ ހާސް ނުވަ ވަނަ އަހަރުކޮށްފައިވާ މޯލްޑިވްސް ޑިމޯގްރަފިކް އެންޑް ހެލްތް ސާވޭގެ ނަތީޖާ ދައްކާ ގޮތުން އުމުރުން 15 އަހަރާއި 19 އަހަރާއި ދެމެދުގެ ޒުވާނުންގެ ތެރެއިނ 19.8 ޕަސަންޓު މީހުން ދުންފަތުގެ އިސްތިޢުމާލު ކުރެ އެވެ. އަދި 20 އަހަރާއި 24 އަހަރާއި ދެމެދުގެ ޢުމުރު ފުރާގެ ތެރޭގައި އެ ނިސްބަތް އުޅެނީ 42 ޕަސަންޓުގައި ކަމަށް ވެސް ސީސީ އެޗްޑީސީގެ ރިޕޯޓުގައިވެ އެވެ.