ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭ އަކީ އޭނާގެ ގައުމުގެ އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމާއި އަނިޔާކުރުން އަދި އިގުތިސާދު ހަލާކުކުރާ ކަމަށް މަޝްހޫރުވެފައިވާ ބޭފުޅެކެވެ. އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގަވާ ކަމުގެ ތުހުމަތުގައި ބައެއް ގައުމުތަކަށް ދަތުރުކުރުން ވެސް އެގައުމުތަކުން މަނާކޮށްފައިވާ ބޭފުޅެކެވެ.

ޔޫރަޕްގެ އިއްތިހާދުން މުގާބޭއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުން އެ އިއްތިހާދުގައި ހިމެނޭ އެއްވެސް ގައުމަކަށް ދަތުރުކުރުމުގެ ހުއްދަ އޭނާއަކަށް ނޯވެ އެވެ.

މުގާބޭގެ ސަރުކާރާ މެދު ދުނިޔޭގެ ސިޔާސަތު އެފަދަ ގޮތަކަށް އޮތް އިރު ޒިމްބާބްވޭއަކީ ޓޫރިސްޓުން އެންމެ މަދުން ޒިޔާރަތްކުރާ އެއް ގައުމުގެ ގޮތުގައި ފާހަގަވެފައިވާ ގައުމެކެވެ.

ކަންތައްތައް މިހެން ހުރި ނަމަވެސް އދ.ގެ ޓޫރިޒަމް ޖަމިއްޔާ އިން، އުމުރުފުޅުން 88 އަހަރުގެ މުގާބޭއަށް އަރުވާފައިވާ މަގާމަކީ "ލީޑަރު އޮފް ދަ ޓޫރިޒަމް"ގެ ޝަރަފުވެރި މަގާމެވެ. އެމަގާމަށް އޭނާއާ އެކު ދެން ހަމަޖައްސާފައި ވަނީ އޭނާގެ އެކުވެރި ބޭފުޅެއް ކަމަށްވާ، އުމުރުފުޅުން 75 އަހަރުގެ ޒެމްބިއާގެ ރައީސް މިޚައިލް ސާތާ އެވެ.

ޓޫރިޒަމް ލީޑަރުންނަށް ހަމަޖެއްސުމުގެ އެއްބަސްވުމުގައި އެ ދެ ބޭފުޅުންނާއި ޔޫއެން ޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ތާލިބް ރިފާއީ ސޮއިކުރެއްވީ މިދިޔަ ބުދަ ދުވަހުއެވެ.

"މިގައުމުގެ ހިތްގައިމުކަމާ މެހުމާންދާރީގެ ރަނގަޅު ކަމުގެ ވާހަކަ އަޅުގަނޑަށް ވަނީ ކިޔައިދީފައި. މިތަނަށް އައުން މިއީ މިތަނުގެ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބަލައި ގަތުން،" ރިފާއީ ވިދާޅުވި ކަމަށް ޒިމްބާބުވޭގެ ދައުލަތުގެ ނޫސް "ދަ ހެރަލްޑް ނިއުސްޕޭޕާ"ގައިވެ އެވެ.

ޔޫއެންޑަބްލިއުޓީއޯ އިން ބުނީ މުގާބޭއަށް އެއްވެސް ރަސްމީ މަގާމެއް ނާރުވާ ކަމަށެވެ. ނަމަވެސް އެ ޖަމާއަތުން ހިންގާ "ލީޑާސް އޮފް ޓުއަރިޒަމް ކެމްޕޭން"ގައި ބައިވެރިވެވަޑައިގެންފައިވާ އެހެން ލީޑަރުންނެކޭ އެއްގޮތަށް މުގާބޭ އަށް ވެސް ސިޓީއެއް އަރުވާފައިވާ ކަން އެޖަމިއްޔާ އިން ކަށަވަރު ކޮށްދެ އެވެ.

ޔޫއެން ޑަބްލިއުޓީއޯ އިން މުގާބޭ އަށް އެފަދަ ޝަރަފެއް އެރުވުމުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި މުގާބޭގެ ސިޔާސީ ވާދަވެރިން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

"އަޅުގަނޑަކަށް ނުވިސްނޭ އޭނާ އެމްބެސެޑަރަކަށް ހަމަޖައްސަން ޖެހޭ އެއްވެސް ސަބަބެއް. ކޮން ކަމެއްގެ އެމްބެސެޑަރަކަށް؟ އޭނާގެ ދެއަތުގައި ލޭ އެބަހުރި. އެމީހުން ބޭނުން ވަނީ ލެއިން ތަތްތެޅިފައިވާ ދެއަތްތިލަ ޓޫރިސްޓުންނަށް ދައްކަންތަ؟" ޒިމްބާބްވޭގެ އިދިކޮޅު ޕާޓީ މޫމެންޓް ފޯ ޑިމޮކްރެޓިކް ޗޭންޖް( އެމްޑީސީ)ގެ ސްޕޯކްސް ޕާސަން ކުމްބީ މުޝެމްވާ ވިދާޅުވި ކަމަށް ދަ ގާޑިއަންގައިވެ އެވެ.