ތެހެރާން: އީރާނުން 20 ޕަސެންޓަށް ޔޫރޭނިޔަމް ފައްކާކުރި ނަމަވެސް ނިއުކްލިޔާ ހަތިޔާރެއް އުފެއްދުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް އީރާނުން އަނެއްކާ ވެސް ބުނެފި އެވެ.

"ފްރާންސް 24" ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި އިރާނުގެ ރައީސް އަހުމަދީ ނެޖާދް ވިދާޅުވީ އީރާނުން 20 ޕަސެންޓަށް ޔޫރޭނިޔަމް ފައްކާކުރަނީ ނިއުކްލިޔާ އިންޖީނުގެތަކުގައި ބޭނުންކުރެވޭ ވަރަށް ޔޫރޭނިޔަމް ފައްކާކުރުމުގެ އިތުރުން ކެންސަރު ފަދަ ބަލިތަކަށް ނިއުކްލިޔާ ފަރުވާދިނުމަށް ބޭނުންވާ އައިސެޓޮޕްސް އުފެއްދުމަށް ޓަކައި ކަމަށެވެ. ނިއުކްލިޔާ ހަކަތަ ސިނާޢީ ގޮތުން އުފެއްދޭ މިންވަރަށް ޔޫރޭނިޔަމް ފައްކާކުރުމަކީ އެހެން ޤައުމުތަކެކޭ އެއްގޮތަށް އީރާނަށް ވެސް ލިބިގެންވާ ޙައްޤެއް ކަމަށާއި މިޙައްޤު ދޫކޮށްލުމަށް އެއްވެސް ޤައުމަކުން އަދި ބައިނަލްއަޤްވާމީ މުއައްސަސާއަކުން ކުރިމަތިކުރާ ފިއްތުމަކަށް އީރާން ބޯނުލަނބާނެ ކަމަށް ވެސް ނެޖާދް ވިދާޅުވި އެވެ.

ނެޖާދް މިހެން ވިދާޅުވެފައި ވަނީ އީރާނުން ބިމުގެއަޑީގައި މަތީފެންވަރުގެ ނިއުކްލިޔާ ތަޖްރިބާތަކެއްކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ)ގެ އިނިސްޕެކްޓަރުން ތުހުމަތުކޮށްފައިވާ ސަރަޙައްދެއް އެޤައުމުގެ ފަންނީ މީހުން ސާފުކުރަމުންގެންދާ ކަމަށް ބުނާ ސެޓަލައިޓް ފޮޓޯތަކެއް އެއެޖެންސީން ހާމަކޮށްފައި ވަނިކޮށެވެ.
އަނެއްކޮޅުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭން ޖެހިދާނެ ކަމަށްބުނެ ހަރުކަށި އިންޒާރުތައް ދެމުންގެންދާ އެމެރިކާއާއި އިސްރާއީލުން ވަނީ ދުނިޔޭގެ ބޮޑު ފާސްބާރާއި ޖަރުމަނާއެކު އީރާނުން ނިއުކްލިޔާ ވާހަކަތައް ކުރިޔަށް ގެންދަނީ ވަގުތު ނަގާލުމުގެ ބޭނުމުގައި ކަމަށް ސިފަކޮށްފަ އެވެ. އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު ޑާން ޝެބިރޯ އާއި އިސްރާއީލުގެ ދިފާޢީ ވަޒީރު އިހޫދް ބަރާކް ވަނީ ބައިނަލްއަޤްވާމީ ފަރާތްތަކާ އެކު އީރާނުން ނިއުކްލިޔާ މަޝްވަރާތައް ކުރަމުންގެން ދަނީ މައްސަލަ ޙައްލުކުރުމަށް ނޫން ކަމަށާއި ވަގުތު ނަގާލުމަށް ކަމަށް ވިދާޅުވެ އީރާނާ ވާހަކަ ދެއްކުމުގެ ދޮރު މުޅިންބަންދު ކުރަން ޖެހިފައިވާ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

އަނެއްކޮޅުން ސިއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފައްދުމަށް ފަހު އެއިން އަވަށްޓެރި ޤައުމުތަކަށް ބިރުދައްކަމުންގެންދާ އިސްރާއީލުގެ ދިފާޢީ ވަޒީރު ވަނީ އީރާނުން ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްޤީކުރަމުން ގެންދާ އިރު ހުޅަނގުގެ ޤައުމުތައް "ނިދާފައިވާ" ކަމަށް ވިދާޅުވެ "ވަގުތު ފާއިތުވުމުގެކުރިން" އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމަށް ހުޅަނގުގެ ބާރުތަކަށް ގޮވާލައްވާފަ އެވެ. ހުޅަނގުގެ ބާރުތަކުން މިކަން ނުކުރާ ނަމަ އީރާނާ މުޢާމަލާތުކުރުމުގައި ހުރިހާ އިޚްތިޔާރުތަކެއް ވެސް އިސްރާއީލަށް ލިބިގެންވާ ކަމަށް ވިދާޅުވެ އީރާނަށް ހަމަލާދޭން ޖެހިދާނެ ކަމަށް އިސްރާއީލު ދެމުންގެންދާ އިންޒާރުތައްބަރާކް އިއްޔެ ވަނީ އަނެއްކާ ވެސް ތަކުރާރުކުރައްވާފަ އެވެ. (އަލްޖަޒީރާ+އަލްޢާލަމް)